ޚަބަރު

ގެއްލިގެން ހޯދި އަންހެންމީހާ ރަހީނުކޮށް އަނިޔާކޮށްފައިވާކަމަށް ބެލެވޭ- ފުލުހުން


ގެއްލިގެން ފުލުހުން ހޯދަން އިއުލާންކޮށްފައިވަނިކޮށް މިއަދު އަމިއްލައަށް ގެޔަށްދިޔަ އަންހެން މިހާ ރަހީނުކުރިކަމަށް ބެލެވިގެން އެ މައްސަލަ ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.

ހޮނިހިރު ދުވަހު މެންދުރުންފަހުން ފެށިގެން ހަބަރެއް ނުވެގެން ފުލުހުން ރޭ ހޯދަން އިއުލާންކުރީ ޢުމުރުން 33 އަހަރުގެ ޝިރުމީނާ އެވެ. އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް މިއަދު ހެނދުނު އޭނާވަނީ އަމިއްލައަށް ގެޔަށް އައިސްފައެވެ.

ފުލުހުން ވިދާޅުވީ ބަޔަކު މީހުން މި އަންހެން މީހާ ރަހީނުކޮށް އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިނގާފައިވާކަމަށް ބެލެވޭކަމަށެވެ. އަދި އަންހެން މީހާ އަނިޔާކޮށް ބްލެކްމެއިލްކޮށްގެން ގިނަ އަދަދެއްގެ ފައިސާ އަތުލާފައިވާކަމަށް ބެލެވޭތީ އެ މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އޭނާ ޑޮކްޓަރަށް ދައްކާ ފަރުވާ ދިނުމުގެ ކަންކަން ކުރަމުން ގެންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެއެވެ.

މި އަންހެންމީހާގެ އައިލާއިން ބުނެފައިވަނީ އޭނާގެ ހަށިގަޑުން ގަސްތުގައި ބަޔަކު އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަށް ހުރިކަމަށެވެ، އަދި ގެއްލިގެން ހޯދަމުންދަނިކޮށް އެނާ ފެނުނީ ހެނދުނު ގޭ ދޮރު ކައިރިއަށް ވެއްޓިފައި އޮއްވާކަމަށްވެސް އައިލާއިން ބުނެއެވެ.

ހޮނިހިރު ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި އެ އަންހެންމީހާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އެދުވަހުގެ ރޭގަނޑު 22:45 ގައެވެ. އެކަން ރިޕޯޓްކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ.