ޚަބަރު

"ފަސްކުރި" ދޯންޏަށް އަރައި، ހިންގި ޢަމަލުތައް ތަޙްޤީގުކުރުމަށް އެޗްއާރްސީއެމުން ގޮވާލައިފި


"ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރައި، ހިންގި އަމަލުތައް ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

މިދިޔަ މަހުގެ 26ވަނަ ދުވަހުގެރޭ ދަންވަރު، ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އައްޑޫ ސިޓީގެ މަސްވެރިންތަކެއް ޙަރަކާތްތެރިވަމުން ދިޔަ "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރައި ހިންގި އަމަލުތައް ކުށްވެރިކޮށް ނެރުނު ނޫސްބަޔާނުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވީ މަސްވެރިކަން ކުރަމުންދަނިކޮށް "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރައި، އެދޯނި ހައިޖެކްކޮށް ދޯނީގައި ތިބި ފަޅުވެރިންނަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި މައްސަލައަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުން ކަށަވަރުކޮށްދޭ މުހިއްމު ޙައްޤުތަކަށް ހުރަސްއެޅިދާނެފަދަ މައްސަލައެއް ކަމަށެވެ.

މިކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަން ހާމަކުރައްވަމުން އެޗްއާރުސީއެމުން ވަނީ މިއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިމައްސަލައަކީ ޚައްޞާޞީ މައްސަލައެއްގެ ގޮތުގައި ދެކި، ވީއެންމެ އަވަހަށް ތަޙުޤީގުކޮށް، އެ އަމަލު ހިންގާފައިވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް އެކޮމިޝަނުންވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި މި ޙާދިސާ ކުރިމަތިވި މަސްވެރިންނަށް އިންސާފު ކަށަވަރުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް އިލްތިމާސްކުރައްވާ އެކޮމިޝަނުންވަނީ މި މައްސަލައާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދޭތޯ އެ ކޮމިޝަނުން ފާރަވެރިވެ މި މައްސަލައިގެ ތަޙްޤީޤު ކުރިޔަށްދާ މިންވަރު ގާތުން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެކޮމިޝަނުން ވަނީ ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މިފަދަ މައްސަލަތަކުގައި، ބާރުގެ ބޭނުންކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަކީ މުޖުތަމަޢުގައި އަނިޔާވެރިކަމާއި ހަމަނުޖެހުމާއި ލޭއޮހުރުވުން ފެތުރިދާނެފަދަ ކަމަކަށްވެދާނެތީ އެފަދަ ޢަމަލުތަކުން އެންމެހައި ފަރާތްތައް ދުރުހެލިވުމަށް ގޮވާލައްވާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ދަޢުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް، މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް އެންމެހާ ފަރާތްތަކަށް އެކޮމިޝަނުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މުޖުތަމަޢުގައި ޞުލްޙަ މަސަލަސްކަން ދަމަހައްޓައި، ދިވެހިރާއްޖެއަކީ އެންމެހައި ފަރާތްތަކަށް އަމާން ވެށްޓެއްކަމުގައި ހެދުމަށް މަސައްކަތްކުރުމަކީ އެންމެހައި ފަރުދުންގެ ޒިންމާއެއްކަން އެކޮމިޝަނުން މިއަދުވަނީ ހަނދާންކޮށްދެއްވާފައެވެ.

"ފަސްކުރި" ދޯންޏަށް ތޫނުއެއްޗެއްސާއެކު އެރި ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ޖުމުލަ 16 މީހުން ހައްޔަރުކުރިއިރު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެންމެން ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފުލުހުން މިހާރުވަނީ ހުށައަޅާފައެވެ.