ކުރީގެ ދަރުމަވަންތަ ސްކޫލްގެ ބިމުން ބައެއްގައި ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމާއި ވެހިކަލްތައް ޕާކްކުރުމުގެ އިތުރު އިންތިޒާމެއް ހަަމަޖެއްސުމުގެގޮތުން ހަދާ މިޕާކިން ޒޯނުގެ މަސައްކަތް ކުރަމުން އަންނަނީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެންކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މި ޕާކިން ޒޯނަކީ ކާރާއި ސައިކަލުތަކަށް ޕާކްކުރެވޭ ގޮތަށް ހަދާ ޕާކިން ޒޯނެކެވެ. މާލޭ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އެސަރަހައްދުގައި ހަދާ ޕާކިން ޒޯންގައި 240 ސައިކަލަށާއި 15 ކާރަށް ޕާކް ކުރެވޭނެކަމަށެވެ. މިޕާކިން ޒޯން ހެދުމަށްޓަކައި ފަސްގަނޑު އެއްވަރުކޮށް ގައު އެތުރުމުގެ މަސައްކަތް ފަށަން މިހާރު ތައްޔާރުވަމުން އަންނަކަމަށް ސިފާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިމަހުގެ 11ވަނަ ދުވަހައް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސިފާ ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައިވާ ޕާކިންގެެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި މާލޭގައި ޕާކުކުރެވޭނެ 7 ޢިމާރާތް ޢެޅުމަށް ހަމަޖެހިފައިވާކަމަށާ، މިއަހަރު ތެރޭގައި 4 ބުރީގެ އެއް ޢިމާރާތް އަޅާނެކަމަށް މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ ވިދާޅުވެފައެވެ.
މާލެއަށް އެތެރެކުރާ ވެހިކަލްތަކުގެ މިންވަރާ އަޅާބަލާއިރު އެކަށީގެންވާ މިންވަރަށް ޕާކްކުރާނެ ޖާގައެއް މިހާތަނަށް ހަދާފައެއް ނެތެވެ. އަދި މިކަމުގެ ސަބަބުން އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.
މާލޭގެ މަގުތައް ތަރައްޤީކުރުމަށް މިހާރު ފަށާފައިވާ މަސައްކަތް ނިމޭއިރު 121 މަގުގެ %30ގައި ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން އެތަންތަނުގައި 3700 ސައިކަލާއި 350 ކާރު ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދަޅުވެއެވެ. މީގެ އިތުރުން ޕިކަޕް ލޮރީ ފަދަ 100 އުޅަނދަށް ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.