ޚަބަރު

ތަރައްޤީގައި އިސްކަންދެނީ ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކަށް


ޤައުމު ތަރައްޤީކުރުމުގައި ދިވެހި ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކަށް ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދ. ގެ އާއްމު މަޖިލީހުގެ ހަތްދިހަ ވަނަ ޖަލްސާގައި ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމެއްގައި ވާހަަކަފުޅުދައްކަވަމުންނެވެ." ތަފާތު ކުރުންތައް މަދުކޮށް، އަންހެނުންނާއި އަންހެންކުދިން ބާރުވެރިކޮށް، އެއްވެސް މީހަކު ބާކީ ނުކުރުމާއި"' ގުޅޭގޮތުން ކުރިއަށްދިޔަ މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ ދުންޔާވަނީ ރާއްޖޭގައި ތަފާތުކުރުންތައް ނައްތާލުމަށްޓަކައި ކުރައްވާފައިވާ އަދި ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.އެގޮތުން ރާއްޖެއިން މި ތަފާތުތައް ނައްތާލުމަށްޓަކައި އެންމެ އިސްކަމެއް ދެއްވާފައިވަނީ އިޖްތިމާޢީ އަދި އިގްތިސާދީ ހަމަހަމަކަން ޤާއިމްކުރުމަށް ކަމަށް  ދުންޔާ ވިދާޅުވިއެވެ.  އޭގެތެރޭގައި ހަމަހަމަ ގޮތެއްގައި ތަޢްލީމީ ފުރުސަތުތައް ހޯދައި ދިނުމަށާއި ސިއްޙީ ޚިދްމަތްތައް ފޯރުވައިދިނުމަށާއި ބޯހިޔާވަހިކަން އެންމެންނަށް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި އަންހެނުންގެ ދައުރާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ދުންޔާ ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ ޙަރަކާތްތަކުގައި އަންހެނުން މުހިއްމު ރޯލެއް އަދާކުރާ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކުރުމުގައާއި ވަޒީފާއެއް ނެތް އަންހެނުން އިތުރުވުން ފަދަ ގޮންޖެހުންތައް އަދިވެސް އެބަހުރިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައިވެއެވެ.ދުންޔާ ވިދާޅުވީ މިއީ މާބޮޑު ބަހުސްތަކެއް ކުރަންޖެހޭ ކަމެއް ނޫންކަމަށާއި ބޭނުންވަނީ ސިޔާސީގޮތުން މިކަންކަކަމަށް ޙައްލު ހޯދުމަށްޓަކައި ރަނގަޅު ނިޔަތެއްގައި މަސައްކަތް ކުރުންކަމަށެވެ. އަދި މިކަމަށްޓަކައި ދޭދޭ ޤައުމުތަކުގެ މެދުގައިހުރި ތަފާތުކުރުންތައް ނައްތާލުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ޚާރިޖީވަޒީރު ގޮވާލެއްވިއެވެ. އދ. ގެ އާއްމު މަޖިލީހުގައި ދިވެހިރާއްޖެ ތަމްސީލްކުރައްވާ އެންމެ އިސް މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ ދުންޔާއެވެ. އަދި ޕޯސްޓް ޓޫތައުޒަންޑް ފިފްޓީން ޑިވެލޮޕްމަންޓް އެޖެންޑާ ބަލައިގަތުމަށް  ބާއްވާ ސަމިޓްގައިވެސް ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފްދުގެ އިސްވެރިއެއްގެ ގޮތުގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތުދެއެވެ. ޚާރިޖީ ވަޒީރު ދުންޔާގެ ދަތުރުފުޅުގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ އިޙްތިފާލެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިހަފްލާގައި އެކި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތުދެއްވައެވެ.މިދަތުރުފުޅުގައި މިނިސްޓަރ ދުންޔާ ވަނީ ނިއުޒިލޭންޑްގެ ފޮރިން މިނިސްޓަރ މުރޭ މެކް ކަރލީއާވެސް ބައްދަލްކުރައްވާފައެވެ.