ޚަބަރު

ޤާނޫނުތައް ތަންފީޒުކުރެވޭ މިންވަރު އިތުރުވެގެން ދިއުމަކީ އިންސާނީ ޙަައްޤުތައް ކަށަވަރުކުރުމުގެ އެންމެ މުހިއްމު ބިންގާ - ޢިމްރާން


ދަޢުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި، ޤާނޫނުތައް ތަންފީޒުކުރެވޭ މިންވަރު އިތުރުވެގެން ދިއުމަކީ އިންސާނީ ޙަައްޤުތައް ކަށަވަރުކުރުމުގެ އެންމެ މުހިއްމު ބިންގާކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕްގެ 36 ވަނަ ބައްދަލުވުމުގައި ދެއްވި ތަޤުރީރުގައެވެ.

މިނިސްޓަރ ޢިމްރާންގެ ތަޤުރީރުގައި ފުލުހުންގެ ޚިދުމަތާއިި، ޖަލުތަކުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުންވަނީ ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ ޙަައްޤުތައް ޙިމާޔަތްކޮށް، ފަރުދުންގެ ރައްކާތެރިކަން ތަފާތުކުރުމެއްނެތި ކަށަވަރުކޮށްދިނުމަށް ދިވެހި ފުލުހުން މަސައްކަތް ކުރަމުންގެންދާކަމަށެވެ.

މިނިސްޓަރ އިމްރާންގެ ތަޤްރީރުގައިވަނީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށާއި، ނޫސްވެރިންނަށް އޮންލައިން ޕްލެޓްފޯމްތަކާއި އެހެން ގޮތްގޮތުންދޭ ތަފާތު އިންޒާރުތަކަށް ދިވެހި ފުލުހުން ތިބެނީ ފާރަވެރިވެގެންކަމަށް ވިދާޅުވެފައެވެ. ދަޢުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި ޤާނޫނުތައް ތަންފީޒުކުރެވޭ މިންވަރު އިތުވެގެން ދިއުމަކީ އިންސާނީ ޙަައްޤުތައް ކަށަވަރުކުރުމުގެ އެންމެ މުހިއްމު ބިންގާކަން ފާހަގަކުރައްވައި ސައިބަރ ކްރައިމް ފަދަ ކަންކަން ހުއްޓުވުމަށް ކަމާގުޅޭ ޤާނޫނުތައް އިސްލާޙުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާކަމުގައި މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"އިންޓަރނެޓްގެ ވަޞީލަތްތައް ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވުމުގައި އެކަމަށް ޚާއްޞަ ޤާނޫނެއް ނެތުމުގެ ސަބަބުން ހުރި ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުންދަނީ އެކަމަށް ޤާނޫނެއް އެކުލަވާލާ، އެހެން ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން" މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލެވި ތަންފީޒުކުރެވެމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެޕްލޭންގެ މައިގަނޑު އަމާޒަކީ އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމާއެކު، އިތުބާރުހިފޭ މުއައްސާއެއް ބިނާކުރުންކަމަށެވެ.

އަދި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ޖަވާބުދާރީކުރުވުން އިތުރުކޮށް ހިންގުން ހަރުދަނާކޮށް ސިޔާސީ ނުފޫޒުން ފުލުހުންގެ ޚިދުމަތް އެއްކިބާ ކުރުމަށް ފުލުހުންގެ ޚިދުމަތުގެ ޤާނޫނު އެކުލަވާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ޒިންމާދާރު ބައެއްގެ ގޮތުގައި ކުށްވެރިން އަނބުރާ މުޖުތަމަޢަށް ނެރުމަށްވެސް މުހިއްމު މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

އެގޮތުން ޖަލުތައް ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމަށް ޚާއްޞަ އިސްކަމެއްދީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެެ ތެރޭގައި ޖަލުތަކުގެ އޮޑިޓެއްކޮށް، ޖަލުތައް ރަނގަޅު ހާލަތަކަށް ގެންނަން ބޭނުންވާ ކަންކަން ދެނެގަނެވިފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"ނެލްސަން މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކުރެވި، ކަރެކްޝަން އޮފިސަރުން އެރޫލްސްއަށް އަހުލުވެރި ކުރުމުގެ ތަމްރީންތައް ދަނީ ހިނގަމުން. އަދި ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމޭއިރު ޖަލުތަކާއި، މީހުން ބަންދުކޮށްގެން ބައިތިއްބާ ތަންތަނުގައި ތިބޭ ހުރިހާ އޮފިސަރުންނަކީ ނެލްސަން މަންޑޭލާ ރޫލްސްއަށް އަހުލުވެރި އޮފިސަރުންނަށް ވެގެންދިއުން" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިންނާއި، މުޖުތަމައުގައި އިޖުތިމާއީ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތުތައް ފަހިކޮށްދީ ވޮކޭޝަނަލް ޕްރޮގްރާމްތަކުގެ ތެރެއިން ކުށްވެރިން ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުންކަމަށާއި، އެކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގުމަށްޓަކައި ކަރެކްޝަނަލް ސަރވިސްގައި ރިހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން ކޮމާންޑް އުފައްދާފައިވާކަން ހޯމް މިނިސްޓަރު ފާހަގަކުރެއްވިއެވެ.