ވިޔަފާރި

އޭއައިއޭއަށް މިއަހަރު ލިބޭ އާމްދަނީ %80 ދަށްވާނެ: އޭއައިއޭ


އައްޑޫ އިންޓަނޭޝަނަލް އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކުންފުނި އުފެދިގެން އައީ 2011 ވަނަ އަހަރު ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމުގެ މަޤްސަދުގައެވެ. ކުންފުނި އުފެދިފައިވަނީ، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ހިއްސާ އޮންނަ ކާސާ ހޯލްޑިންގްސް %30 ހިއްސާ އާއި، އެސްޓީއޯ އަދި އެމްއޭސީއެލް އަށް %10 ހިއްސާ އަދި ބާކީ ހިއްސާ ސަރުކާރަށެވެ. ނަމަވެސް މިހާރު އެސްޓީއޯއިން އެކުންފުނީގެ ހިއްސާ ދޫކޮށްލާފައިވާއިރު، އެމްއޭސީއެލްއިންވެސް ހިއްސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.

އެއާޕޯޓު އެންމެ އެދެވޭ ގޮތެއްގައި ތަރައްޤީ ނުވެ އޮވެ، މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ގޮތުން ހުރި ގޮންޖެހުންތަކެވެ. ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19އިގެ ބަލިމަޑު ކަމަކީ، ރާއްޖޭގެ މުޅި އިޤްތިޞާދަށް އޭގެ އަސަރު ފޯރި ކަމެކެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ އަދި އޭވިއޭޝަން ދައިރާއަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނެވެ. މިހާލަތުގައި ގެއްލުމުގައި ހިންގަމުންދާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުންޏަށް ވެސް ކުރިމަތިލާ ޖެހުނީ އިތުރު ގެއްލުމަކާއެވެ.

ޕީއެސްއެމް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭއައިއޭގެ މެނޭޖިންގ ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ، ފްލައިޓުތައް މަޑުޖެހުމަކީ ކުންފުންޏަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން މިފަހަރު ކުންފުންޏަށް ލިބޭ އާމްދަނީގެ %80 ދަށްވެގެންދާނެ ކަމަށް ލާފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައިސް ވިދާޅުވީ އެއާޕޯޓަށް އަންނަ ފަސިންޖަރުންގެ ތެރެއިން، މޯލްޑިވިއަންގެ ފްލައިޓުތަކުން ވެސް އަންނަ %70 އަކީ ފަތުރުވެރިން ކަމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ފްލައިޓްތައް މަދުވެ، އައްޑޫގެ އެންމެ ބޮޑު ދެ ރިސޯޓު ބަންދު ކުރުމުން މިހާރު ކުންފުންނީގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން މިދިޔަ އޮގަސްޓް މަހު ނެރެފައިވާ މިދިޔަ އަހަރުގެ ކުންފުނީގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، ކުންފުންޏަށް 2019 ވަނަ އަހަރު 60 މިލިއަން ރުފިޔާ ގެއްލުން ވެފައިވެއެވެ. އަދި 2018 އަހަރުވެސް 84.5 މިލިއަން ރުފިޔާގެ ގެއްލުމަކާއި ކުންފުނިން ވަނީ ކުރިމަތިލާން ޖެހިފައެވެ.

ކުންފުންޏަށް މައިގަނޑު ގޮތެއްގައި އާމްދަނީ ލިބެނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކާއި ޖެޓްތައް ރީފިއުލް ކޮށްްގެންނެވެ. އެގޮތުން އޭއައިއޭއަށް މިދިޔަ އަހަރު 65 މިލިއަން ރުފިޔާ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރެއިން 40 މިލިއަން ރުފިޔާ ލިބިފައިވަނީ ޖެޓް ފިއުލް ވިއްކައިގެންނެވެ.

ގަން އެއާޕޯޓުގެ ޖެޓް މޫވްމަންޓް ތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ގަން އެއާޕޯޓަށް ޖައްސާފައިވަނީ އެންމެ 2 ޖެޓެވެ. މިއީ ރައްޖޭގެ ބޯޑަރު ހުޅުވިފަހުން، ގަމަށް ޖެއްސި ހަމައެކަނި 2 ޖެޓް ކަމަށް ގަން އެއާޕޯޓުން ބުނެއެވެ. މިއަހަރު އެންމެ ގިނައިން ގަމަށް ޖެޓްތައް ޖައްސާފައިވަނީ، ޖެނުއަރީ މަހުއެވެ. އެމަހު 15 ޖެޓު ޖައްސާފައިވެއެވެ. އަދި މިއަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް ޖައްސާފައިވަނީ އެންމެ 29 ޖެޓެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ބޮޑު ތަނުން ދަށް އަދަދެއް ކަމަށް އޭއައިއޭއިން ފާހަގަ ކުރެއެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް 102 ޖެޓު ގަމަށް ވަނީ ޖައްސާފައެވެ.

މީގެ އިތުރުން ޝެޑިއުލްކޮށް ޖައްސަނީ ބައިނަލްއަޤްވާމީ އެއާލައިންތަކުގެ ތެރެއިން ސްރީލަންކަން އެއާރލައިން އެކަނިކަންވެސް އެއައިއޭއިން ފާހަގަކުރެއެވެ. ނަމަވެސް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައްވެސް މިހާލާތާއެކު މަޑު ޖެހިގެން ދިޔައެވެ. އަދި އެ އެއަރލައިންގެ ދަތުރުތައް އަލުން ފެށޭނެ ތާރީހެއް ނޭނގެއެވެ. މީގެ އިތުރުން ގަމަށް ދުވާލެއްގެ މައްޗަށް 6 ފްލައިޓް ޖައްސަމުން އައި މޯލްޑިވިއަން އެއާލައިންސްގެ ދަތުރުތައް ވެސް މިހާރު އޮންނަނީ ދުވާލެއްގެ މައްޗަށް އެންމެ ދަތުރަކަށް މަދުވެފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ބުނާ ގޮތުގައި، ކުންފުނި ގެއްލުމުން އަރައިގަނެވޭނީ، އެއާޕޯޓު ތަރައްޤީ ކުރެވި އެސަރަހައްދުގެ ފަތުރުވެރިކަން ކުރިއަރައިގެންނެވެ. މިހާރުވެސް އައްޑޫގައި ހިންމުން އަންނަ ދެ ރިސޯޓު ބަންދުކޮށްފައި އޮތުމުން ޖެޓް ޖައްސާ މިންވަރަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް އެއާޕޯޓުން ބުނެއެވެ. ނަމަވެސް އިތުރު ބައިނަލް އަޤްވާމީ އެއާލައިންތައް ގެނެއުމުގެ މަސައްކަތް ކުރެވެމުންދާކަންވެސް އެއާޕޯޓުން ފާހަގަ ކުރެއެވެ.

އެގޮތުން މިހާރުވެސް ހުވަދު އާއި އައްޑޫ ގުޅާލައި ސީޕްލޭން ދަތުރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިއީ ދުރުރާސްތާ ޕްލޭނަކަށް ވެފައި މިހާރު އެންމެ އިސްކަމެއް ދޭން ޖެހެނީ އައްޑޫގެ ގެއްލިފައިވާ ބެޑް ކެޕޭސިޓީ އިތުރު ކުރަން ކަމަށް އޭއަރޕޯޓުން ވަނީ ފާހަގަ ކޮށްފައެވެ.

ގަން އެއާޕޯޓު ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ 17 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ބުނެފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރާ އިންވެސްޓްމެންޓެއް ކަމަށް ސަރުކާރުން ބުނެއެވެ. މިއާއިކު ދެކުނުގެ ދަތުރު ފަތުރުގެ ރީޖަނަލް ހަބަކަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.