ޚަބަރު

"ޙައްޤުތައް ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ބޭރުދުނިޔެ ބަލައިގެންފި"


އަންހެނުންނާއި، ކުޑަކުދިން ހިމެނޭހެން މުޖުތަމަޢުގެ ޚާއްޞަ ރައްކާތެރިކަން ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދިވެހި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި އެކަމުގައި ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތައް ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަކަން ހާމަކޮށްފައިވާކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 4 އިން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ އދ.ގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް މިއަދު ބޭއްވި ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕްގެ ސެޝަންގައި އެޑޮޕްޓްކޮށްފައިވާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

މި ރިވިއު ސެޝަންގައި ބައިވެރިވި 95 މެންބަރު ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ހިމަނާފައިވާއިރު، ދިވެހިރާއްޖޭގެ ސެޝަންގައި ވާހަކަ ދެއްކި ހުރިހާ ޤައުމުތަކުން ވަނީ، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމާއި، ޤާނޫނީ އޮނިގަނޑާއި، ޢަދުލު އިންސާފުގެ ނިޒާމު އިޞްލާޙުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކޮށްފައިކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ދިވެހިރާއްޖޭގެ ޔޫ.ޕީ.އާރު. ގެ މި ސައިކަލްގައި 95 ޤައުމަކުންވަނީ 259 ރެކޮމެންޑޭޝަން ދިވެހިރާއްޖެއަށް ހުށަހަޅާފައެވެ. މި ރެކޮމެންޑޭޝަންތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބައިވެރިވުމަށާއި، ޖެންޑަރ އިކުއަލިޓީ ޤާއިމްކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުކުޑަކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތްތައް އެގޮތުގައި ދެމެހެއްޓުމަށް ހުށަހަޅައި، ޤައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތަކެވެ.

ޤައުމުތަކުން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކަށް ދިވެހިރާއްޖެއިން ޖަވާބުދާރީވާނީ އަންނަ މަހުގެ 14 ވަނަދުވަހުގެ ކުރިންނެވެ. ދިވެހިރާއްޖެއިން މި ރެކޮމެންޑޭޝަންތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކަށާއި، އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތްކުރާނެކަމަށް ފޮރިން މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ޔޫ.ޕީ.އާރުގެ މިފަހަރުގެ ސައިކަލްއަކީ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް، ކެބިނެޓްގެ ގިނަ މިނިސްޓަރުން ހިމެނިވަޑައިގެންނެވި އިސް ފަންތީގެ ޑެލެގޭޝަންއަކުން ދިވެހިރާއްޖެ ތަމްޞީލުކުރެވިގެންދިޔަ ފުރަތަމަ ފަހަރެވެ.

މިއަދު ބޭއްވުނު ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕްގެ ސެޝަންގައި، ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް އެޑޮޕްޓްކުރުމާއެކު، ޔޫ.ޕީ.އާރު. ގެ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ނިމުމަކަށް އައީއެވެ. ޔޫ.ޕީ.އާރު. ޕްރޮސެސްއަކީ ކޮންމެ ހަތަރު އަހަރާއި ބައިން ކުރިއަށްދާ ޕްރޮސެސްއެއްކަމަށްވުމުން، ދިވެހިރާއްޖޭގެ ރިވިއު ދެން އޮންނާނީ 2025 ގައެވެ.