ޖުމްހޫރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ މަގުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މާލޭގެ މަގުތައް ސާފުކުރުމަށް ކުރިއަށްގެންދާ ހަރަކާތަކީ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި ޕްރޮގްރާމަކީ މިވަގުތު މާލޭގެ މަގުތަކަށް އަޅާފައިވާ ކުނިތައް ނަގާ ސާފުކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. ވެމްކޯގެ 40 މުވައްޒަފުންނާއި ސިޓީކައުންސިލްގެ މުވައްޒަފުން ހިމެނޭގޮތަށް 7 ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގެ އަމާޒަކީ ހަފްތާއެއްގެ ތެރޭގައި މުޅި މާލެ އެއްކޮށް ސާފު ކުރުންކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މަސައްކަތު ގަޑިތައް ބަހާލާފައި ވަނީ މުއައްޒަފުންނަށް ބުރަ ނުވާނޭހެން ހެނދުނު 9 އަކުން ފެށިގެން މެންދުރު ނަމާދުގެ ވަގުތައް ހުއްޓާލުމަށް ފަހު ހަވީރު ފަށާގޮތައްކަމަށެވެ. މި ހަރަކާތުގެ ދަށުން މާލޭގެ ހުރިހާ މަގެއް ސާފުކުރުމަށް ވަނީ ނިންމާފައެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ މިހަފްތާ ތެރޭ ވިލި މާލެއާއި ހުޅުމާލޭގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދާނެކަމަށެވެ. މި ހަރަކާތުގައި މާލޭގެ މަގުތައް ނެރެފައިވާ އެކި ވައްތަރުގެ ބޮޑެތިކުނިތައް ނަގާ އެތަންތަން ވަނީ ސާފުކޮށްފައެވެ.
މާލެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި އެކި ފަހަރު މަތިން އަންނަނީ ސާފުކުރުމުގެ މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި މިހާރުވެސް މަގުތައް ސާފުކޮށް ބޭއްވުމަށްޓަކައި ކޮންމެ ރެއަކު ވެމްކޯގެ މުވައްޒަފުން އަންނަނީ މަގުތަކުގައި ކުނިކަހަމުންނެވެ.