އަމާޒަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި މެދު މިހާރު އޮތް ތަޞައްވަރު ބަދަލު ކޮށްލުން ކަމަށް އެހޮސްޕިޓަލަށް އަލަށް އައްޔަން ކުރެއްވި ސީއީއޯ ޑރ. މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯގެ މަޤާމަށް ޑރ. މުހައްމަދު ސާލިޙު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.
މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އައްޑޫއަށް ވަޑައިގެން ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޑރ. ސާލިހު ވިދާޅުވީ، މިހާރު ހޮސްޕިޓަލުން ދޭ ޚިދުމަތްތަކާއި މެދު ހިތްހަމަނުޖެހުން ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މިހާރު ދޭ ޚިދުމަތްތަކަކީ އައިޖީއެމްއެޗްގައި ވެސް ދެވޭ ފެންވަރުގެ ޚިދުމަތްތަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޑރ. ސާލިހު ވިދާޅުވިއެވެ.
" އަޅުގަނޑަށް ހީވަނީ މިތަނުން ދޭ ޚިދުމަތްތަކާއި ދޭތެރޭގައި ވަރަށް ގިނަ ފަރާތްތަކުގެ ހިތްހަމަ ނުޖެހުން އެބަހުރިހެން. އެހެންވީމަ އެތަޞައްވަރު ބަދަލުކޮށް ދެވޭ ޚިދުމަތްތަކަކީ، އައިޖީއެމް ހޮސްޕިޓަލުގައިވެސް އެ ދެވޭ ފެންވަރުގެ ޚިދުމަތްތަކަށް ބަދަލު ކުރުން، ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި. އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މީހުން އިތުބާރު ކުރާތަނަކަށް ބަދަލު ކޮށްލުން." ޑރ. ސާލިހު ވިދާޅުވިއެވެ.
ޑރ. ސާލިހު އޭއީއެޗް އާއި ހަވާލުވެ ވަޑައިގެންފައިވާއިރު، ރައްޔިތުންގެ މެދުގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެގޮތުން ޑރ. ދެއްކުމަށް ނަންބަރު ލިބުން ދަތި ވުމާއި، ސްޕެޝަލައިޒް ޑޮކްޓަރުން ނުވަތަ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނަށް ދައްކަން އޮންނަ ކިއު ދިގުވުމުގެ އިތުރުން ފޯނަށް ޖަވާބު ނުދޭ މައްސަލަ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
މި ޝަކުވާތަކާއި ގުޅޭ ގޮތުން ޑރ. ސާލިހު ވިދާޅުވީ މިފަދަ ޝަކުވާތައް އަންނަނީ ކީއްވެތޯ ބަލައި، ޑޮކްޓަރުން، މަދުވާނަމަ ޑރ. ގެނެސްގެންވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އައިޖީއެމް ހޮސްޕިޓަލާއި އެކުވެސް ގުޅިގެން ހައްލުހޯދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް ބޮޑަށް ބޭނުންވަނީ ވަގުތީ ހައްލުތަކެއްގެ ބަދަލުގައި ދާއިމީ ހައްލެއް ގެނެސްގެން ހިންގުން ކަމަށް ޑރ. ސާލިހު ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުގެ މަޤްސަދަކަށް ވާނީ މިހާރު މިހުރި ޑިއުޓީސް ތަކާއި، އެކަހަލަ ކަންކަން ރީޑިފައިންކޮށް ރަނގަޅަށް އެނަލައިޒް ކޮށްލާފަ، އެއަށްވެސް އަވަހަށް ގެނެވޭނެ ކަހަލަ ބަދަލުތަކެއް ގެނައުން. އޭގެ އިތުރަށް ޑޮކްޓަރުން މަދުވާ ކަމަށްވާނަމަ ރެކްރޫޓު ކޮށްގެން އެކަންތައް ކުރިއަށް ގެންދާނަން. ހަޤީގަތުގައި ވަގުތީ ގޮތަކަށް ޚިދުމަތް ލިބުމުގެ ބަދަލުގައި ދާއިމީ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ ގޮތަށް ރާވާ ހިންގުން. އެއީ އަޅުގަނޑުގެ މަޤްޞަދަކީ." ޑރ. ސާލިހު ވިދާޅުވިއެވެ.
ޑރ.ސާލިހް ވިދާޅުވީ މިފަދަ ކަންކަން ވަގުތުން ހައްލުވެދާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އެއީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތުގައި ބަޖެޓުގައި ހުރި ދަތިތަކާއި، ބޭނުންވާ މީހުން ހޯދުމުގައި ޤައުމުތަކުގެ ބޯޑަރު ބަންދުވުމާއި ދަތުރުފަތުރުގެ ކަންކަން އޮންނަ ގޮތުން އެންމެ އެދެވޭ ސްޕީޑެއްގައި ނުގެންދެވިދާނެތީ ކަމަށްވެސް ސާލިހް ވިދާޅުވިއެވެ.
އޭއީއެޗްގެ ސީއީއޯ ކަމަށް ޑރ. ސާލިހު އައްޔަން ކުރެއްވިއިރު މިދާއިރާގައި ހިންގުމުގެ މަތީ ފަންތީގައި 15 އަހަރު ޑރ.ސާލިހްވަނީ މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން 26 އަހަރު ކްލިނިކަލް ކެއާގެ ދާއިރާގައިވެސްވަނީ މަސައްކަތް ކުރައްވާފައެވެ.
ޑރ.ސާލިހް އޭއީއެޗްގެ ސީއީއޯ އަކަށް އައްޔަން ކުރެވުނު އިރު، މިދިޔަ މަހު 27 ވަނަ ދުވަހުން ފެށިގެން ހެލްތު މިނިސްޓްރީގެ ދަށުން އެހޮސްޕިޓަލް ނަގާ އިދާރީ ބޮޑެތި ބަދަލު ތަކެއް ގެންނަން ވަނީ ފަށާފައެވެ. އެހޮސްޕިޓަލުގެ އިދާރީ އޮނިގަނޑު އެކުލެވިގެން ދާނީ އައިޖީއެމް ހޮސްޕިޓަލާއި އެއްގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ.