ޚަބަރު

މާދަމާ މާފުއްޓާއި ހުރާގައި ރެންޑަމް ސާމްޕަލް ނަގަނީ


ކ މާފުއްޓާއި ހުރާގައި، މާދަމާ ކޯވިޑް-19ގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނެ ކަމުގައި، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

ކ ހުރާ އާއި މާފުއްޓަކީ، ޓޫރިސްޓް ގެސްޓްހައުސްތައް ފުޅާ ދާއިރާގައި ހިންގަމުން އަންނަ ދެ ރަށަށް ވާއިރު، އެދެ ރަށުގައި، މާދަމާ ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައި ވަނީ، އެ ދެރަށަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންތަކެއް ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ހެލްތު ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވީ، ކ ހުރާގައި މާދަމާ ރެންޑަމް ސާމްޕަލް ނަގަނީ އެރަށުންވެސް ފަތުރުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވާތީއެވެ. އެރަށުން ޕޮޒިޓިވްވެފައި ވަނީ، އާއިލާ އާއިއެކު ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިއެކެވެ.

15 އޮކްޓޫބަރުން ފެށިގެން، ޚާއްސަ އުސޫލުތަކެއްގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ޚިދުމަތްތައް ދިނުމަށް ވަނީ ހުއްދަ ދީފައެވެ. އަދި ފަތުރުވެރިން އަންނަ ރަށްރަށުގެ ރައްޔިތުން އެހެން ރަށްރަށަށް ދަތުރު ކުރުމުގައިވެސް އެޗްޕީއޭއިން އުސޫލުތައް ކަނޑައަޅާފައިވެއެވެ.

ކޯވިޑް19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11932އަށް އަރާފައެވެ.