ޚަބަރު

ވާޗުއަލްކޮށް ބާއްވާ ފުރަތަމަ ޤައުމީ ޤުރުއާން މުބާރާތް ހޯމަދުވަހު ފަށަނީ


ވާޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މުބާރާތް ހޯމަދުވަހު ފެށުމަށް ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ ވަރޗުއަލްކޮށް ބާއްވާ ޤުރުއާން ކިޔެވުމުގެ މިމުބާރާތް މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 9:30ގައި ފަށާނެކަމަށެވެ. މިމުބާރާތް ފައްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ކޯވިޑް-19 ގެ މިހާލަތުގައިވެސް ބޭއްވުމަށް ނިންމާފައިވަނީ މި މުބާރާތަކީ ގިނަ ބައެއްގެ ތަރުހީބު ލިބޭ މުބާރާތަކަށް ވުމާއެކު މިހާލަތުގައިވެސް ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށްކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

ވަރޗުއަލްކޮށް ބާއްވާ މިފަހަރުގެ މުބާރާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އޮޑިޝަން ބުރަކާއި ފައިނަލް ބުރެއް ހިމެނޭގޮތަށް ދެ ބުރަކަށް ބަހާލައިގެންނެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ ހޯމަ ދުވަހު މުބާރާތް އިފްތިތާހްކުރުމަށްފަހު އޮޑިޝަނަށް ވީޑިއޯތައް ފޮނުވުމަށް ހުޅުވާލައްވާނެކަމަށެވެ. އަދި ވީޑިއޯތައް ފޮނުވުމަށް ގާތް ގަނޑަކަށް 10 ދުވަސް ލިބޭނެކަމަށާއި ފައިނަލަށް ދާ ކުދިންނަށް އެކަން އަންގަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ތިބި ކުދިންނަށްވެސް ބައިވެރިވެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮޑިޝަންގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން 80 މާކްސްއަށްވުރެ މަތިން މާކްސް ލިބޭ ހުރިހާ އެންމެން ފައިނަލް ބުރަށް ދަތުރުކުރާނެއެވެ. އެގޮތުން މުބާރާތް ބަހާލާފައިވާ 16 ކެޓަގަރީން ޖުމުލަ 640 ކުދިން ފައިނަލަށް ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ވަރޗުއަލްކޮށް ބާއްވާއިރު މިއީ މިފަދަ ބޮޑު މުބާރާތެއް މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ފަހަރެވެ.