ޤަޠަރު އެއާވެއިސްގެ ސޭފް ޓްރެވެލް ބަބުލް ރާއްޖެއާއި ޤަތަރާދެމެދު ޤާއިމު ކޮށްފިއެވެ.
ޤަތަރު އެއާވޭއިސް އިން ބުނެފައިވަނީ، މިހާރު ޤާއިމު ކުރެވިފަވާ ސޭފް ޓްރެވެލް ބަބުލްގެ ތެރެއިން ރައްކާތެރި ކަމާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަ ކޮށްލުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި ޕެކޭޖުގެ ތެރެއިން ދަތުރު ކުރައްވާ ފަރާތްތަކުން އަނބުރާ ޤައުމަށް ދިއުމާއެކު ކަރަންޓީނު ވާން ނުޖެހޭނެކަމަށް އެއާލައިނުން މައުލޫމާތު ދެއެވެ.
މިއީ މިފަދަ ސޭފްޓީ ޓްރެވެލް ބަބުލްއެއް ޤަޠަރު އެއާވޭސްއިން ޤާއިމުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ޤަތަރުގެ ރައްޔިތުންނާއި އެޤައުމުގެ ދިރިއުޅެމުންދާ މީހުންނަށް ހާއްސަ ޕެކޭޖެކެވެ. ޤަތަރު އެއާވޭސްއިން މައުލޫމާތުދިން ގޮތުގައި މިގޮތަށް އަންނަ ފަތުރުވެރިން ރާއްޖެ އަންނާނީ ޓެސްޓު ކުރުމަށް ފަހުއެވެ. އަދި ފްލައިޓަށް އެރުމުގެ ކުރިން އެއްފަހަރު ޓެސްޓު ކުރާނެއެވެ. އަދި އަންބުރާ ދިއުމަށްފަހު ރެޕިޑް ޕީސީއާރު ޓެސްޓެއް ކުރާނެއެވެ. މި ޓެސްޓުން ނަތީޖާ ނެގެޓިވްވާ ފަރާތްތަށް އެޤައުމުގައި ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް އެއާލައިން ބުނެއެވެ.
އެއެއާލައިންގެ ވެބްސައިޓުގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިޕެކޭޖުގެ ދަށުން ރާއްޖެ ދަތުރު ކުރެވޭނީ 1 ޑިސެމްބަރާއި 7 ޖެނުއަރީ އާ ދެމެދުއެވެ. މި ޕެކޭޖުގެ ދަށުން އަންނަ ފަތުރުވެރިން މަޑުކުރާނީ ސޭންޑީސް ބަތަލާ މޯލްޑިވްސް އާއި ޑައިމަންޑް ތުޑުފުށި ބީޗް އެންޑް ވޯޓާ ވިލާ ރިސޯޓުގައެވެ.
ކޯވިޑް-19ގެ ބަލިމަޑު ކަމާގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގެ ބޯޑަރުތަށް ބަނދުކޮށް ދަތުރުފަތުރު ކުރުން ވަނީ ވަރަށްބޮޑަށް މަޑުޖެހިފައެވެ. ނަމަވެސް ރާއްޖެގެ ބޯޑަރުތަށް ހުޅުވި ރާއްޖެ އަންނަ ފަތުރުވެރިންގެ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވުމަށްފަހު އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ ޤަތަރު އެއާވޭއިސްގެ ފްލައިޓެކެވެ.