ޚަބަރު

މިނިވަން ޤައުމެެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން - ރައީސް


ދިވެހިރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާއާއި އެދުން ފޮނުއްވައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސްވަނީ މި ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީންކަން ފާހަކުރައްވައި އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓެވުންއެދި އެމަނިކުފާނުވަނީ ދުޢާކުރައްވާފައެވެ.

ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރުމަހުގެ 2 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގެ އަލިން މުޅިރާއްޖެ އަލިވީ ދުވަހުގެ ގޮތުގައެވެ. ހިޖުރައިން 548ވަނަ އަހަރު ރަބީޢުލްއާޚިރާ މަހުގެ 2ވަނަ ދުވަހަކީ ފުރަތަމަ ފަހަރަށް ތައުޙީދުގެ މަތިވެރި ކަލިމައިގެ އަޑު މިދީބުގައި ގުގުމާލި ދުވަހެވެ. މިފެށުނީ ދިވެހިރާއްޖެ އިސްލާމްވިތާ 895ވަނަ އަހަރެވެ.

ތާރީޚުން އެނެގެން އޮންނަ ގޮތުގައި ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ރަސްމީގޮތުން ފާހަގަކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި، ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައެވެ. އެއީ މީލާދީން 1374 ވަނަ އަހަރުއެވެ.