ޚަބަރު

ބޭންކު އޮފް މޯލްޑިވްސް ކޮމިއުނިޓީ ފަންޑާއި ގުޅޭގޮތުން ވެބިނާއެއް ބާއްވައިފި


ބޭންކް އޮފް މޯލްޑިވްސް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ދޭއެހީއެކެވެ. ބީއެމްއެލް އިން މިދިޔަ އަހަރު 20 މަޝްރޫއު އަދި މިއަހަރުގެ މިހާތަނަށް 10 މަޝްރޫއު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް އެހީތެރިވެދީފައިވެއެވެ. ނަމަވެސް މިކަމަށް އެދި ހުށަހެޅުމުގައި ގިނަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަން ބީއެމްއެލް އިން ފާހަގަކުރައްވައެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމާ ގުޅޭ ގޮތުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަ ވެބިނާއެއްވަނީ ބާއްވާފައެވެ. ވެބިނާ ހޯސްޓު ކޮށްދީފައިވަނީ، ބީއެމްއެލްގެ ސީއެސްއާރު މެނޭޖަރ އިބްރާހިމް ނަވާފްއެވެ. މިވެބިނާގައި މަޢުލޫމާތުދެއްވީ ސީއެސްއާރް ކޮމިޓީގެ ބޭފުޅުންނެވެ.

ބޭންކުގެ ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކޮންކަމަކަށް؟

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ހުށަހަޅާއިރު އެޕްލިކޭޝަން ފޯމުގައި ފާހަގަ ކޮށްފައިވާ ހުރިހާ ލިޔެކިއުންތައް ފޮނުވަން ސާމަލުކަން ދޭން ޖެހެއެވެ. އަދި މަޝްރޫއަކީ ސްކޫލެއް ނުވަތަ ކައުންސިލެއްގެ ހުއްދަ އާއި އެކު ކުރިއަށް ގެންދާ މަޝްރޫއެއް ނަމަ އެފަދަ ހުއްދައެއް ލިއެކިއުމުން ހުށަހެޅުމަށް ބޭންކުން އެދިވަޑައި ގަންނަވައެވެ.

ބޭންކުގެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގައި ރަށެއްގައި ނުވަތަ އެ މުޖްތަމަޢެއްގައި އެމަޝްރޫއު ހިންގުމުގެ ސަބަބުން ރަށަށް ނުވަތަ އެމުޖްތަމަޢަކަށް ލިބިގެންދަނީ ކިހާ ބޮޑު ފައިދާއެއްތޯ ބެލުމަށް ސަމާލު ކަން ދޭންޖެހެއެވެ. ޕްރޮޕޯސަލްތަކުގަ އެންމެ ގިނަ މާކްސްވެސްދޭ ބަޔަކީވެސް މިއީއެވެ. މިބަޔަަށް %40 މާކްސް ދެވެއެވެ. ބީއެމްއެލްއިން މައުލޫމާތު ދެއްވި ގޮތުގައި، ކޮންމެ ފިޔަވައްސަކަށް ހުޅުވާލާއިރު 50 އާއި ގާތް ކުރާ އަދަދަކަށް ޕްރޮޕޯސަލް ލިބެއެވެ. ނަމަވެސް މަޝްރޫއުތަކަކީ ކިހާވަރެއްގެ ފައިދާއެއް އެމުޖްތަމަޢަށް ކުރާނެ ކަމެއް ކަން ބައެއް ފަހަރު ބުނެ ނުދެވޭކަން ބޭންކުން ފާހަގަކުރައްވައެވެ.

ބޭންކުން ވިދާޅުވީ މިފަދަ މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް ހުށަހަޅާއިރު ވީހާވެސް ގިނަ މަޢުލޫމާތު ހިމެނުން މުހިންމު ކަމަށެވެ. އެގޮތުން ފޮޓޯ ވީޑިއޯ ނުވަތަ ކުރެހުންތައް ހިމެނުމުން މަޝްރޫޢަށް މާކްސް ދިނުމަށް ފަސޭހަވެގެން ދާނެކަންވެސް ބޭންކުން ފާހަގަކުރައްވައެވެ.

މިފަންޑުގެ ދަށުން މަޝްރޫއަކަށް ބޭންކުން ދެނީ 50،000ރ. ކަމަށާއި، ފައިސާ ހޯދުމަށް ހުށަހަޅާ މަޝްރޫއުއަށް އެއަށް ވުރެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ބެލެވޭނަމަ އެކަމަށް ބޭނުންވާ ފައިސާ އިންތިޒާމު ކުރެވޭނެ ގޮތް ހިމަނާ އެކަމުގެ ޔަޤީން ކަން ބޭންކަން ދޭންވާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. ހަމައެއާއެކު މަޝްރޫއުގެ ކޮސްޓް ބްރޭކްޑައުން ވީހާވެސް ތަފްސީލު ކުރުމަށް ބޭންކުން އެދިވަޑައިގަންނަވައެވެ.

މާކްސް ދިނުމުގައި ބަލަނީ ކޮންކަމަކަށް؟

ރަށްރަށުގައި ގިނަ މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ބޭންކުން އެހީތެރިވެ ދީފައިވާއިރު، މަޝްރޫއުތަކަށް ޕޮއިންޓު ދިނުމުގައި ގިނަ ކަންކަމަށް ބަލައެވެ. އެގޮތުން އެންމެ ގިނަ ޕޮއިންޓު ދެވެނީ އެމުޖްތަމަޢަށް އޭގެ ފައިދާ ކުރަނީ ކިހާވަރަކަށްތޯ ބަލާފައެވެ. އެބަޔަށް %40 މާކްސް ދެވެއެވެ. ދެން އެންމެ ގިނަ މާކްސް ދެވެނީ އެމަޝްރޫއަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ މަޝްރޫއެއްތޯ ބަލާ އެބަޔަށެވެ. އެބަޔަށް %30 މާކްސް ދެވެއެވެ.

ދެމެހެއްޓެނި ގޮތެއްގައި މަޝްރޫއު ހިންގޭނެ ކަމަށް ބޭންކުން ދެކެނީ، އެ މަޝްރޫޢު ފެށުމަށް ފަހުވެސް އެތަން ބެލެހެއްޓުމާއި އެކު، ތަނަށް އިތުރަށް ކުރަން ޖެހޭ ކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމެވެ. އެގޮތުން ތަން ސާފުކޮށް ބެލެހެއްޓުމާއި މަރާމާތު ކުރުން ފަދަ ކަންކަން އިންތިޒާމު ކުރެވޭނެ ގޮތް ޕްރޮޕޯސަލްގައި ހިމެނުން މުހިންމު ކަމަށް ބޭންކުން ވިދާޅުވެއެވެ.

ބާކީ %30 ދެނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ މަޝްރޫއު ކުރިއަށް ގެންދެވިދާނެ ކަމުގެ ޔަޤީން ކަމާއި، ޕްރޮޕޯސަލް ކޮލިޓީ އާއި އުފެއްދުން ތެރި ޚިޔާލަށެވެ. މިތިން ކަމުގެ ތެރެއިން ކޮންމެ ކަމަކަށް %10 ބޭންކުން ދެއެވެ. އާންމު ގޮތެއްގައި ހުށަހަޅާ މަޝްރޫއުތައް އެފަރާތަކަށް ނުވަތަ ޖަމްއިއްޔާއަކަށް ކުރިއަށް ގެންދެވޭނެ ކަން ބޭންކުން ޔަޤީން ކުރައްވާ ކަމަށާއި އެހެންކަމުން ލިބެންޖެހޭ ހުއްދަތައް އޮތުން މުހިންމު ކަން ބޭންކުން ފާހަގަ ކުރައްވައެވެ.

ބޭންކު އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން އަހަރަކު ކޮންމެ ކުއާޓާއެއްގައި 5 މަޝްރޫއަކަށް އެހީތެރިވެދެއެވެ. އެގޮތުން މިއަހަރުގެ 3 ވަނަ ކުއާޓާގެ މަޝްރޫއުތަކަށް މިހާރުވަނީ ހުޅުވާލައްވާފައެވެ. މިކުއާޓާގެ މަޝްރޫއުތަކަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 11 އެވެ.