ޚަބަރު

ބްރިޓިޝް ލޯޔަލްޓީ ޑައިވް ސައިޓަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ޑައިވް ހަރަކާތެއް ބާއްވަނީ


ބްރިޓިޝް ލޯޔަލްޓީ ޑައިވް ސައިޓަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޑައިވް ހަރަކާތެއް ބޭއްވުމުގެ މަސައްކަތް އައްޑޫގެ ޖަމީއްޔާއަކުން ފަށައިފިއެވެ.

އައްޑޫސިޓީ މީދޫ އަށް ނިސްބަތްވާ ނަލަފެހި ޖަމީއްޔާއިން ބާއްވަން މަސައްކަތް ކުރާ މިހަރަކާތް ބާއްވާނީ އަންނަ އަހަރު ޖެނުއަރީ 5 ވަނަ ދުވަހު ކަމަށް އެޖަމީއްޔާއިން ބުނެއެވެ. ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ޖަމީއްޔާގެ ނައިބު ރައީސާ އާމިނަތު ސާލިހާ ވިދާޅުވީ، މިއީ މީދޫގެ އަމިއްލަ ފަރާތެއްގެ ޙިޔާލަށް އެޖަމީއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އެގޮތުން މިހަރަކާތް ކުރިއަށް ގެންދިއުމަށް، އައްޑޫސިޓީ ކައުންސިލާއި އެކުވެސް މިހާރު މަޝްވަރާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިޓީ ކައުންސިލުން މިކަމަށް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީން ކަން ދެއްވާފައިވާ ކަމަށެވެ.

ބްރިޓިޝް ރޯޔަލްޓީ އަކީ ރާއްޖޭގަ އޮތް އެންމެ ބޮޑު ޝިޕްވްރެކްއެވެ. މިސަރަހައްދަކީ މިހާރު އައްޑޫ ބަޔޮސްފިއަރ ރިޒާވުގެ ކޯއޭރިއާއެއްގެ ގޮތުގައި ހިމެނި ހިމާޔަތް ކުރެވިފައިވާ ތަނެކެވެ. މިތަނަކީ ފަތުރުވެރިންގެ މެދުގައި ޑައިވް ކުރުމަށް މަޤްބޫލު ތަނެއްވެސްމެވެ.

އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ތަނުގައި ޑައިވިންގް ހަރަކާތެއް ހިންގުމުން އޭގެ ފައިދާ އައްޑޫގެ ޓުއަރިޒަމަށް ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށެވެ. ޙާއްސަކޮށް މިސަރަހައްދުގެ ފަތުރުވެރިކަން އަލުން ފަށައިގަތުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށް އެޖަމިއްޔާއިން ބުނެއެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ހަރަކާތަށް ސަރުކާރުގެ ބައެއް މުޢައްސަސާތަކުން އެއްބާރުލުން ދޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށާއި، މިފަދަ ހަރަކާތެއް ބޭއްވުމަށް ވީހާވެސް ގިނަ ފަރާތްތަކުގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ. މިހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނީ، އަމާޒަކީ މިހަރަކާތަށް އިނގިރޭސިވިލާތުން 75 ޑައިވަރުން ގެނައުން ކަމަށެވެ.

ބްރިޓިޝް ލޯޔަލްޓީ އަކީ އިނގިރޭސިން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ބޭނުންކުރި ތެޔޮ ޓޭންކަރެކެވެ. ކަނޑުގެ 33 މީޓަރު އަޑީގައި އޮތް މިބޯޓަކީ އިންގިރޭސި އަދި އައްޑޫގެ ތާރީޙާއިވެސް ގުޅިފައިވާ ބޯޓެކެވެ. ދިގުމިނުގައި 134 މީޓަރު ހުރި މި ބޯޓު ކަނޑުފައްތާލީ 1946 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. މިބޯޓު ފައްތާލާފައި ވަނީ ޓޯޕީޑޯ ހަމަލާއަކުން ބޯޓަށް ގެއްލުން ވުމާއި އެކުއެވެ. އަންނަ އަހަރު ޖެނުއަރީ މަހު އެ ޝިޕްވްރެކަށް، 75 އަހަރު ފުރޭއިރު، މިހާރު އެ ސަރަހައްދުވަނީ ތަފާތު އެކިއެކި ދިރުންތަކުން ފުރިފައެވެ.