ވިޔަފާރި

ބޯޑަރު ހުޅުވިފަހުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު 60،000އަށް ވުރެ މައްޗަށް އަރައިފި


ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މިދިޔަ ހަފްތާގެ ނިޔަލަށް 62،501 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިއަހަރު މިހާތަނަށް 445،348 ފަތުރުވެރިއަކު ރާއްޖެ އައިސްފައި ވެއެވެ. މީގެ ތެރެއިން ޖުލައި މަހު ބޯޑަރު ހުޅުވިފަހުން އައިސްފައިވަނީ، 62،501 މީހުންނެވެ. އެގޮތުން ބޯޑަރު ހުޅުވިފަހުން މަހުން މަހަށް ރާއްޖެ އަންނަމުންދާ ފަތުރުވެރިންގެ ނިސްބަތް ދަނީ އިތުރު ވަމުންނެވެ.

ޖުލައި މަހު 1701 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާ އިރު، އޮގަސްޓު މަހު 7،628 ފަތުވެރިއަކު ރާއްޖެ އައިސްފައިވެއެވެ. އަދި ސެޕްޓެމްބަރު މަހު 9538 ފަތުރުވެރިން އައިއިރު، އޮކްޓޯބަރު މަހު މިއަދަދު ބޮޑު ތަނުން ކުރިއަށް ޖެހި، މުޅި އެމަހު 21،515 މީހުން ފަތުވެރިން ރާއްޖެ މިވަނީ، ޒިޔާރަތް ކޮށްފައެވެ. އަދި މިމަހުގެ މިހާތަނަށް 22،119 މީހުން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރައްވައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި ރާއްޖޭ ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ، ރަޝިއާ މާކެޓުންނެވެ. އެގޮތުން ރަޝިއާއިން މިހާތަނަށް 12،961 ފަތުރުވެރިއަކު ރާއްޖެ އައިސްފައި ވެއެވެ. ރަޝިއާއަކީ މީގެ ކުރީގައިވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މާކެޓެއް ކަން މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ. އަދި އެންމެ ބޮޑު ބޯޑަރު ހުޅުވިފަހުން ކުރީގެ އަދަދުތަކާއި އަޅައިބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީވެސް ރަޝީއާ މާކެޓުންނެވެ.

މީގެ އިތުރުން އިންޑިއާގެ އިން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ ނިސްބަތް ވެސް ބޯޑަރު ހުޅުވިފަހުން ދުވަހުން ދުވަހަށް އިތުރުވަމުން ދެއެއެވެ. އެގޮތުން އިންޑިއާއިން މިހާތަށް 5449 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އިނގިރޭސިވިލާތުން މިހާތަނަށް 4745 މީހުން ރާއްޖެ ވަނީ އައިސްފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 16 އެއަރލައިންއަކުން ދަނީ ރާއްޖެ އާއި ދުނިޔޭގެ އެހެން ޤައުމުތަކާއި ދެމެދު ދަތުރުތައް ބާއްވަމުންނެވެ. މީގެތެރޭގައި ހިމެނެނީ ބައިނަލްއަޤްވާމީ 14 އެއަރލައިނާއި ރާއްޖޭގެ މޯލްޑިވިއަން އަދި ފްލައިމީއެވެ.