ވިޔަފާރި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރ ޓީޓީއެމް މޯލްޑިވްސް ފަށައިފި


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފޭއަރ ޓީޓީއެމް މޯލްޑިވްސް ފަށައިފިއެވެ. މިފަހަރު ޓީޓީއެމް ފެއާ ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.

ޓީޓީއެމް ކަނެކްޓް މެދުވެރިކޮށް މިފަހަރު ކުރިއަށް ގެންދާ މިހަރަކާތުގައި މިދާއިރާގައި ހަރަކާތްތެރިވާ 150 ހޮޓަލާއި ރިސޯޓު އަދި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 30 ޤައުމަކުން 200 އޮޕަރޭޓަރުން ބައިވެރިވެއެވެ. ޓީޓީއެމްއިން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ ހަރަކާތް ކުރިއަށް ދާނީ ދާދި ފަހުން ލޯންޗު ކުރެވުނު ޓީޓީއެމް ކަނެކްޓު ޕޯޓަލް މެދުވެރިކޮށެވެ.

ޓީޓީއެމް 2020 އަކީ މިޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދާ ފުރަތަމަ ހަރަކާތެވެ. ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދާ މިހަރަކާތުގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް އެގްޒިބިޓް ކުރުމާއި އެކު ތަފާތު މަޝްވަރާ ބައްދަލުވުންތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ޓީޓީއެމް "ބީޓުބީ" ބައްދަލުވުންތަށް ކުރިއަށްދަނީ މިމަހުގެ 25 އަދި 26 ވަނަ ދުވަހުއެވެ.

އެގޮތުން ޕްރީ ޝެޑިއުލު ކުރެވިގެން 3000 މީޓިން ކުރިއަށް ގެންދެވޭނެ ކަމަށް ޓީޓީއެމް އިން ވިދާޅުވެއެވެ. އަދި މުޅި ޖުމްލަ 1 ބިލިއަން ޑޮލަރަށް އަގު ކުރެވޭ ކޮންޓްރެކްޓްތަކުގެ މަޝްވަރާ ކުރެވިގެން ދާނެ ކަމަށް ޓީޓީއެމް އިން ފާހަގަ ކުރައްވައެވެ.

ޓީޓީއެމް މޯލްޑިވްސް އިފްތާޙު ކޮށްދެވާ އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ ތައްޔިބު މުހައްމަދު ވިދާޅުވީ، މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރެވޭނެ ކަމަށް ލިބޭ އިތުބާރެއް ކަމަށެވެ. އަދި ވިޒިޓް މޯލްޑިވްސް އިން އެންމެން އެއްޕްލެޓްފޯމަކަށް ގެނައުމަށް ކުރިއަށް ގެންދެވޭ މިހަރަކާތަށް ވަރަށް ބޮޑަށް ތަރުހީބު ދެއްވާ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

ހަރަކާތް ފެށުމުގެ ގޮތުން އިތުރަށް ވާހަގަ ދައްކަވަމުން އެމްއެމްޕީއާރުސީ އެމްޑީ ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސް އިން މިއަހަރު ކުރިއަށް ގެންގޮސްފައިވާ ކަންކަމަށް އަލިއަޅުއްވާލާފައެވެ. މީގެ އިތުރުން މިހާލަތުން ރާއްޖެ އަރައިގަތުމަށް އެފަރާތުން މާކެޓިންގް ސްޓްޓަޖީ އަށް ގެނައި ބަދަލުތަށް ހިއްސާ ކުރެއްވިއެވެ. ތޮއްޔިބު ވިދާޅުވި ގޮތުގައި މިއަހަރު މިހާތަނަށް ވިޒިޓް މޯލްޑިވްސް އިން ރާއްޖެ އިޝްތިހާރު ކުރުމަށް 356 މާކެޓިން އެކްޓިވިޓީ ގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 260 ހަރަކާތަކީ ކޯވިޑް-19އިގެ ބަލިމަޑު ކަމުގެ ތެރޭގައި ކުރިއަށް ގެންދެވުނު ހަރަކާތަކެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ. މިއަހަރު ކުރިއަށް ގެންދާ ޓީޓީއެމް ހަރަކާތަކީ މީގެ ހަތަރުވަނަ ހަރަކާތެވެ.