ޚަބަރު

މަރުހަލާތަކަކަށް ބަހާލައިގެން ފްރާންސުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެނީ


ކޯވިޑާއި ގުޅިގެން ފަރަންސޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ތިން މަރުޚަލާއަކަށް ބަހާލައިގެން ދޫދޭނެކަމަށް އެ ޤައުމުގެ ރައީސް، އެމަނުއަލް މެޚްރޮން ވިދާޅުވެއްޖެއެވެ. ޓީވީ މެދުވެރިކޮށް ޤައުމާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް މެޚްރޮން ވިދާޅުވީ ފަރަންސޭސިވިލާތުގައި ފެތުރެމުންދާ ކޯވިޑް-19ގެ ދެވަނަ ރާޅު ހަމައަކަށް އެޅެމުންދާކަމަށެވެ. ނަމަވެސް ބަލީގެ ތިންވަނަ ރާޅެއް ފެތުރުނަ ނުދިނުމަށް ރެސްޓޯރަންޓުތަކާއި ކެފޭފަދަ ތަންތަން ހުޅުވާނީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައިކަމަށް މެޚްރޮން ވިދާޅުވިއެވެ. ބަލީގެ ތިންވަނަ ރާޅެއް ފެތުރުނަ ނުދިނުމަށް ކުރެވެންހުރި މަސައްކަތެއް ކުރަންވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަފުތާ ބަންދުން ފެށިގެން ފިޔަވަޅުތަކަށް ލުއި ދޭން ފަށާނެކަމަށާއި ޑިސެމްބަރު މަސް ނިމުމުގެ ކުރިން ފިހާރަތަކާއި ތިއޭޓަރުތަކާއި ސިނަމާތައް އަލުން ހުޅުވާނެކަމަށް މެޚްރޮން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ފަހުކޮޅުގައި އެ ޤައުމުގައި ފާހަގަކުރާ ޢީދު އާންމުންނަށް އެބައެއްގެ ޢާއިލާއާއިއެކު ހޭދަކުރެވޭނެކަން ކަށަވަރުކުރައްވާނެކަމަށް މެޚްރޮން ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ މެދުތެރޭގައި ފަރަންސޭސިވިލާތުގެ ބައެއް ބޮޑެތި ސްޓޭޓުތަކުގައި އަޅާފައިވާ ކާފިއުގެ ފިޔަވަޅުތަކުން އެންމެ އެދެވޭ ނަތީޖާއެއް ނުފެނުމުން ސަރުކާރުންވަނީ އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަށް މުޅި ޤައުމު ފުރަބަންދުކޮށްފައެވެ. ނަމަވެސް އެ ފުރަބަންދަކީ ބަލީގެ ފުރަތަމަ ރާޅު ފެތުރެން ފެށުމުން ފަރަންސޭސިވިލާތުގައި މާރިޗު މަހުން މެއި މަހަށް ޤާއިމްކުރި ފުރަތަމަ ފުރަބަންދަށްވުރެ ލުއި ފުރަބަންދެކެވެ.

ބަލީގައި ޙާލު ދެރަވެގެން ފަރުވާ ހޯދަންޖެހޭ މީހުންގެ ޢަދަދު މަދުވާން ފެށުމާއި ފުރަބަންދުގެ އުސޫލުތަކުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންވަމުންދާތީ ވީ އެންމެ އަވަހަކަށް ފުރަބަންދު އުވާލުމަށް ވިޔަފާރިތަކުންދަނީ ގޮވައިލަމުންނެވެ. ނަމަވެސް އެ ފިޔަވަޅުތައް އުވާލާނީ މަރުޚަލާތަކަކަށް ބަހާލައިގެންކަމަށް ސަރުކާރުންދަނީ ބުނަމުންނެވެ.

ނޮވެމްބަރު މަހުގެ 30ވަނަ ދުވަހު ފިހާރަތައް އަލުން ހުޅުވި ނަމަވެސް ބޭރަށް ނުކުމެ އުޅުމަށް އަދިވެސް ޚާއްޞަ ޙުއްދައެއް ބޭނުންވާނެއެވެ. މީގެ ކުރިން ކަސްރަތުކުރުމަށް ދީފައިވާ އެއް ގަޑިއިރުގެ ވަގުތުކޮޅު ތިން ގަޑިއިރަށް އިތުރުކޮށްދޭނެއެވެ. މީގެ ކުރިން ދިރިއުޅޭ ގެއާއި އެއް ކިލޯމީޓަރަށްވުރެ ދުރަށް ކަސްރަތު ކުރުމަށް ނުދެވޭނެކަމަށް ސަރުކާރުންވަނީ އަންގައިފައެވެ. ނަމަވެސް އެ ޢަދަދަށްް 20 ކިލޯމީޓަރަށް އިތުރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 2.15 މިލިއަން މީހުންނަށް ކޯވިޑް ޖެހި 50،237 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުންގައި 9.155 މީހުންނަށް ބަލިޖެހި 592 މީހުންވަނީ މަރުވެފައެވެ. ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 5،000އަށް މަދުވެއްޖެނަމަ ޑިސެމްބަރު މަހުގެ މެދު ތެރެއިން ފުރަބަންދު އުވާލައްވާނެކަމަށް މެޚްރޮން ވިދާޅުވިއެވެ. ނަމަވެސް އޭރުންވެސް ރޭގަނޑު ނުވައެއްގެ ފަހުން ކާފިއު ހިންގާނެއެވެ. އަދި ގިނަ ޢަދަދެއްގެ މީހުން އެއްވެ އުޅުން މަނާވާނެއެވެ.
ފުރަތަމަ ފަހަރަށް ޤައުމު ފުރަބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން ބަލިފެތުރޭ މިންވަރު އިތުރިވީ އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައް އެޅުމުގައި އާންމުން ފަރުވާކުޑަވުމުންކަމަށް ފަރަންސޭސިވިލާތުގެ ކަމާއިބެހޭ އިދާރާތަކުންވަނީ ބުނެފައެވެ.

އިދިކޮޅު ފަރާތްތަކުންދަނީ ބައްޔަށް ތަހުލީލުކޮށް ބަލިޖެހިފައިވާ މީހުން ދެނެގަތުމުގައި ސަރުކާރުން ފޭއިލްވެފައިވާކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. ބަލިޖެހިފައިވާ މީހުން ހޯދުމަށް ބޭނުންކުރާ ތަހުލީލުކުރުމުގެ ނިޒާމުގައި މައްސަލަތަކެއް ހުރިކަމަށް އިޢުތިރާފުވެވަޑައިގަންނަވާ ރައީސް މެޚްރޮން ވިދާޅުވީ ތަހުލީލުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ. އަދި ބަލިޖެހިފައިވާ މީހުން އެކަހެރިކުރުން ޤަވާއިދުގެ ތެރެއަށް ގެނައުމަށް ސަރުކާރާއި ޤާނޫނު ހަދާ މަޖިލީހުން މަޝްވަރާކުރަންޖެހޭކަމަށް މެޚްރޮން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ނުވަތަ ޖަނަވަރީ މަހުގެ ކުރީކޮޅުގައި ކޯވިޑަށް ދޭ ވެކްސިން ދޭން ފެށޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.