ޚަބަރު

އަދިވެސް ބައެއްދާއިރާތަކުން ޖެންޑަރ ގެޕް ކުޑަނުވޭ - އަނިލް


ފުރުޞަތުތައް
ލިބުމުގައި ދެޖިންސުގެ މެދުގައި އޮންނަ ފަރަގު ކުޑަކުރުމަށް  ގިނަ މަސައްކަތްތަކެއް ކުރެވުނުނަމަވެސް
އަދިވެސް  ފުރުސަތު ލިބުމުގައި ދެޖިންސްގެ
މެދުގައި، ފަރަގުބޮޑު ދާއިރާތައް އެބަހުރިކަމަށް ލޯއެންޑް ޖެންޑަރ މިނިސްޓްރީ
ހިނގެވުމާ ހަވާލުވެ ހުންނެވި އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

އެޓާރނީޖެނެރަލް
މުހައްމަދު އަނިލް މިހެން ވިދާޅުވީ މިއަދު އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ
މާލަމުގައި ނެޝަނަލް ޖެންޑަރ ޕޮލިސީއާބެހޭ ގޮތުން ބޭއްވުނު މަސައްކަތު
ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި
ވާހަކަފުޅުދައްކަވަމުން އެޓާރނީ ޖެނެރަލް އަނިލް ވިދާޅުވީ  ރާއްޖެއިން މިދާއިރާގެ ބައެއް މުއާހަދާތަކުގައި
ބައިވެރިވެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވީނަމަވެސް އަދިވެސް
އެކިސަބަބުތަކާހެދި ދެޖިންސްގެ މެދުގައި އޮންނަ ފުރުސަތު ލިބުމުގެ ފަރަގު އެކަށީގެންވާ
މިންވަރަކަށް ކުޑަނުވާކަމަށެވެ.

ސަރުކާރުގެ އެކި
އިދާރާތަކާ، އަމިއްލަ ޖަމާއަތްތަކާ ސިޔާސީ ޕާޓީތަކުގެ އަންހެނުންގެ ގޮފީގައި
ހިމެނޭ ބައެއް ފަރާތްތަކަށް ދައުވަތުދީގެން ކުރިޔަށްދިޔަ މި މަސައްކަތު
ބައްދަލުވުމުގެ ބައިވެންރިންނާވަނީ މިހާރު ޑްރާފްޓްކޮށްފައިވާ ނެޝަނަލް ޖެންޑަރ
ޕޮލިސީ ޙިއްޞާކޮށް އެފަރާތްތަކުގެ ހިޔާލުހޯދާފައެވެ.

މި ރަސްމިއްޔާތުގައި
ވާހާކަފުޅު ދައްކަވަމުން އދ ން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ
އަދި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މިސް ސޯކޯ ނޯޑާވިދާޅުވީ ދެކުނު
އޭޝިޔާގެ ޤައުމުތަކަށް ބަލާއިރު ރާއްޖެއިން ޖެންޑަރގެ ދާއިރާގައި ކުރި
އެރުންތަކެއް ހޯދާފައި ވީނަމަވެސް އަދިވެސް އެންމެ ފަންތީގައި ، ނުވަތަ
ނިންމުންތައް ނިންމާ ހިސާބުގައި އަންހެނުންގެ ހަރަކާތްތެރިކަން
އިތުރުކުރަންޖެހޭކަމަށެވެ.

ޖެންޑަރ މިނިސްޓްރީން
ބުނީ ސަރުކާރު އަމާޒަކީ ޕްރޮގްރާމްތައް ހިންގޭއިރު އޭގެ ފައިދާ ދެ ޖިންސްގެ
މީހުންނަށްވެސް ހަމަހަމަ ގޮތެއްގައި ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުންކަމަށެވެ.
އަދި މި ޕޮލިސީ އަކީ ތަންފީޒުކުރެވޭނެ ޕޮލިސީއަކަށް ހެދުންކަމަށް ކުރަންޖެހޭ
މަސައްކަތްތައްވެސް ކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.