ޤަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ. އެގޮތުން އަންނަ މަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އެއާލައިންގެ 3 ފްލައިޓް ރާއްޖެއަށް ބާއްވާނެ ކަމަށް ޤަތަރު އެއާވޭސް އިން ބުނެއެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި ބަދަލު ގެނައުމަށް ނިންމާފައިވާއިރު، ރާއްޖެއަށް ބާއްވާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، ބޮއިންގް 300-777 މަރުކާގެ ދެ މަތިންދާ ބޯޓާއި، ބޮއިންގް 8-787 މަރުކާގެ އެއް ބޯޓެވެ.
ޤަތަރު އެއާވެއިސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކޮށްފައި މިވަނީ ދާދި ފަހު އެ އެއާލައިނުން ރާއްޖެއާއި ދެމެދު ޓްރެވެލް ބަބްލް އެއް ޤާއިމުކޮށް އޭގެ ޕެކޭޖްތައް ތަޢާރަފު ކުރުމަށް ފަހުގައެވެ. މި ޕެކޭޖުގައި އަންނަ ޑިސެމްބަރު މަހުން ފެށިގެން ދަތުރު ކުރެވޭނެ ކަމަށް ޤަތަރު އެއާވެއިސް އިން ވަނީ ހާމަ ކޮށްފައެވެ.
ޤަތަރު އެއާވޭއިސް އިން ބުނެފައިވަނީ، މިހާރު ޤާއިމު ކޮށްފައިވާ ޓްރެވެލް ބަބުލްގެ ތެރެއިން ރައްކާތެރި ކަމާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަ ކޮށްލުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި ޕެކޭޖުގެ ތެރެއިން ދަތުރު ކުރައްވާ ފަރާތްތައް އަނބުރާ ޤައުމަށް ދިއުމާއެކު ކަރަންޓީނު ވާން ނުޖެހޭނެކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.
ކޯވިޑް-19ގެ ސަބަބުން ގިނަ ޤައުމުތަކުގެ ބޯޑަރު ބަންދުކޮށް މުޅި ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި ވީނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހާމަ ކޮށްފައިވާ ގޮތުގައި، ދުނިޔޭގެ 16 ސަރަހައްދަކާއި ރާއްޖެ ވަނި އަލުން ގުޅުވާލެވިފައެވެ. އަދި މިހާރުވެސް 15 އަށް ވުރެ ގިނަ އެއާލައިން ހަރަކާތްތެރި ވަމުންދާ ކަމަށްވެސް ވީއައިއޭއިން ހާމަކުރެއެވެ.