ކުރިއަށް އޮތް ތަނުގައި ފަތުރުވެރިން ރާއްޖެ އަންނާނީ ވެކްސިނޭޓް ކުރެވިގެން ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ސީއެންއެންގެ 'ކުއެސްޓް މީންސް ބިޒްނަސް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަންނަ އަހަރު މިހިސާބުގައި ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ވެކްސިނޭޓް ކުރެވިގެން އަންނަ ބައެއްގެ ގޮތުގައި ލާޒިމް ކުރައްވާނެތޯ ޕްރޮގްރާމުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މައުސޫމު ވިދާޅުވީ، ރާއްޖެ އުފެދިފައި އޮންނަ ގޮތުން ރާއްޖެއަކީ ރައްކާތެރި ޤައުމެއް ކަމަށެވެ. ނަމަވެސް އުންމީދަކީ ރާއްޖޭގެ ހުރިހާ އެންމެންނަށް ވެސް ވެކްސިން ލިބިގެން ދިއުން ކަމަށާއި، ހަމަ އެގޮތަށް ރާއްޖެ އަންނަ ފަތުރުވެރިންވެސް ވެކްސިނޭޓް ކުރެވިގެން އަންނަ ބަޔަކަށް ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިޕްރޮގްރާމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިހާރު ރާއްޖެ އަންނައިރު 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަންޖެހޭ ކަމަށާއި، މިކަމުގެ ސަބަބުން ރައްކާތެރިކަން ޔަޤީންކޮށްދޭ ކަމަށެވެ. ނަމަވެސް ޓެސްޓިން ރޫޓިން އަކީ ބަދަލުވަމުންދާ އެއްޗެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވަނީ މިއަށްވުރެ އަވަސް މުއްދަތެއް ލިބިލައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި ކޯވިޑް-19 އިގެ ކޭސްތައް ހުރި ނަމަވެސް ރާއްޖޭ އުފެއްދިފައި އޮންނަ ގޮތުން ރާއްޖެއަކީ ރައްކާތެރި ޤައުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރުވެސް އެގްޒިޓް ސްކްރީނިންގް އިން ޕޮޒިޓިވް ވަނީ %0.23 މީހުން ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މިހާތަނަށް ބޯޑަރު ހުޅިވިފަހުން ފަތުރުވެރިންގެ ތެރެއިން ސީރިއަސް ކޭސްއެއް ފެނިފައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޓުއަރިޒަމް މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖެއަށް މިހާރު އަންނަ ފަތުރުވެރިން ކުރިއަށް ވުރެ ގިނަ ދުވަހަށް މަޑު ކުރާ ކަމަށާއި، ކުރިމަގުގައި ވޯކް ވެކޭޝަން ފަދަ ކަންކަން އިތުރަށް ފަހިވެގެންދާ ގޮތަށް އިސްލާހުތަކެއްވެސް އެބަ ގެނެވޭ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ޓުއަރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ މީޑިއާ ކެމްޕެއިންތައް ވެސް އިތުރު ކޮށްފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.