ޚަބަރު

ސ. މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ނިމިއްޖެ


ސ. މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، 873،18 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 419 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލައި، 340 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާފައިވެއެވެ. އަދި 40 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ރޭނުމާއި، 975,1 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާފައިވާ ކަމަށް މިމަސައްކަތް ކުރި ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މިމަޝްރޫއުގެ ޑިޒައިނަށް ބަދަލު ގެނެސް އެމްޓީސީސީއާ އަލުން ހަވާލު ކުރީ، މިދިޔަ އަހަރު ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު 3 ވަނަ ދުވަހުއެވެ.

މިމަޝްރޫއަށް ޖުމްލަ 25.5 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.