ޚަބަރު

ޗައިނާ އާއި އިންޑިއާގެ ސަފީރުންނާ ބައްދަލުކުރައްވައި ފޮރިން މިނިސްޓަރ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި


ޗައިނާ އާއި އިންޑިއާއާ ދެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ދެ ސަފީރުންނާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށާއި މަޝްރޫޢުތަކުގެ ހިނގުން އަވަސްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމަށްފަހު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ މުހިއްމު އެކުވެރިއެއްކަމަށާއި، މިހާރު ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ޗައިނާއެކު ވަރަށް ގާތުން މަސައްކަތްކުރައްވާނެކަމަށެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާއި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ކުދި އަދި ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ ހިންގުން އަވަސްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.