ޚަބަރު

ވެރިންނަށް މަރުހަބާކިޔަން ދަރިވަރުން ނެރެން ތަރުޙީބު ނުދެން - ސަރުކާރު


ދަޢުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ޙޫދު ވިދާޅުވީ އެފަދަ އެއްވެސް ޙަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައިފައެއް ނުވާނެކަމަށެވެ.

އަދި ބަނދަރު ސަރަހައްދަށް ނެރެގެން މަރުހަބާ ދެންނެވުން ފަދަ ޙަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވާކަމަށްވެސް ހޫދު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ މިއަދު ވިދާޅުވީ ދަޢުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށްތިބުމާއި އަވީގައި ބޭތިއްބުމަކީ އެމިނިސްޓްރީން ތަރުޙީބުދޭ ކަމެއްނޫންކަމަށާއި، އެ މަގަށް ކަންނުކުރުމަށް މީގެ 2 އަހަރު ކުރިންވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގާފައިވާނެކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 3ވަނަ ދުވަހު ސަރުކާރުގެ ސްކޫލްތަކަށާއި، ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަންގެ އިތުރުން ޕޮލިސީ ޕްލޭނިންގ އެންޑް ރިސަރޗް ޑިވިޝަނަށް ފޮނުވި ސަރކިއުލާ ސިޓީގައި މަރުޙަބާ ކިޔުމުގައި ސްކޫލުގެ ދަރިވަރުން ބައިވެރި ކުރުމުގައި ޢަމަލުކުރަންވީގޮތްވަނީ އަންގާފައެވެ.

އެސަރކިއުލަރ ސިޓީގައި ސަރުކާރުގެ އިސްވެރިންނާއި ޢިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ދަރިވަރުން ގިނަވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ޞިއްޙަތަށް ނޭދެވޭ އަސަރުކޮށް، ތަފާތު އުނދަގޫތައް ކުރިމަތިވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމަކަށްވާތީއާއި އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެ ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށްވަނީ އަންގާފައެވެ.