ނުކުޅެދުންތެރިކަން ހުންނަ މީހުންނާއެކު ރާއްޖޭގައި ބާއްވާ ސްކޫބާ ޑައިވިންގެ ޙަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިންޑިއާގެ ޖަމްޢިއްޔާއެއް ކަމަށްވާ ކޮންކަރިންގް ލޭނޑް އެއަރ އެންޑް ވޯޓާރ(ކްލޯ)އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެމްއައިޓީޑީސީ) ގުޅިގެން ކުރިއަށް ގެންދާ މިހަރަކާތަކީ ދުނިޔޭގެ ރެކޯޑެއް ޤާއިމު ކުރުމަށް ބާއްވާ ހަރަކާތެކެވެ.
މިހަރަކާތުގައި، ދުނިޔޭގެ 30 ޤައުމަކުން މީހުން ބައިވެރި ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއައިޓީޑީސީން ވިދާޅުވެއެވެ. މިޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މިޙަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ވެބްސައިޓާއި ގްލޯބަލް ޕާޓިސިޕެންޓް ކެމްޕެއިން ޙަރާކާތް ބުރާސްފަތި ދުވަހު ލޯންޗު ކޮށްދެއްވީ ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ.ޢަބްދުﷲ މައުސޫމެވެ. މި ވެބްސައިޓު ލޯންޗު ކުރެވުމާއެކު ވެބްސައިޓު މެދުވެރިކޮށް ޙަރަކާތުގައި ބައިވެރިވުމަށް މިވަނީ ހުޅުވާލާފައެވެ.
އޮޕަރޭޝަން ބްލޫ ފްރީޑަމް ކިޔާ މިޙަރަކާތް ލޯންޗު ކޮށްދެއްވައި ޓޫރިޒަމް މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވީ، މިއީ އަންނަ އަހަރަށް މިފަދަ ޙަރަކާތެއް ލޯންޗު ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ. އެގޮތުން މިހަރަކާތުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުން ބޭރު މީހުންނަށް ދައްކާލުމުގެ ފުރުސަތު އިތުރަށް ލިބިގެންދާނެ ކަމަށެވެ.
ނުކުޅެދުން ތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން މިފަދަ ޙަރަކާތެއް ބާއްވާ ރާއްޖޭގެ ރީތިކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އެމީހުންނަށް ދިނުމަށް އެމްއައިޓީޑީސީއާއި ކްލޯއިން ކުރައްވާ މަސައްކަތައް މިނިސްޓަރ ޑރ.މަޢުސޫމް މަރުޙަބާ ވިދާޅުވިއެވެ.
މިޙަރަކާތައް ބައިވެރިން ހޮވާނީ އެކަމަށްޓަކައި ހާއްސަ ތަމްރީނުތަކެއް ދިނުމަށްފަހުއެވެ.
ކްލޯއިން ދަނީ ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 3 ރެކޯޑެއް ޤާޢިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ބާއްވަނީ ވޯޓަރ ރެކޯޑެވެ. މީގެ ލޭންޑް ރެކޯޑު އިންޑިއާގައި ކުރިއަށް ގެންދާއިރު، ވައިގެ ރިކޯޑު ކުރިއަށް ގެންދާނީ ދުބާއީގައެވެ. މިހުރިހާ ރެކޯޑެއްވެސް ޤާއިމު ކުރަނީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ މީހުން ބައިވެރިވާ މިފަދަ ހަރަކާތްތަކުގެ ގޮތުގައެވެ.