ޚަބަރު

އިސް ޤާޟީ ރައީސް ޔާމީނަށް، ޝަރީޢަތް ކުރިއަށް ގެންދާނީ އިންސާފުން


މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުދުވަހުގެ ޖަލުޙުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރާ 2 ދަޢުވާއާ ގުޅިގެން ބައެއް ލިޔުންތައް ނުލިބޭތީ އެމައްސަލާގައި ޖަވާބުދާރީވުމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުން އިތުރު ފުރުސަތެއް ދީފިއެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތުގައި ބައެއް ލިޔެކިއުންތައް ނުލިބުނުކަން ފާހަގަކުރައްވައި، ރައީސް ޔާމީންވަނީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ފަރާތުންވަނީ މިމައްސަލައާ ގުޅިގެން ދިފާޢުގައި އެދިފައިވާ ބައެއް ލިޔެކިއުންތައް އަދިވެސް ނުލިބޭކަމަށެވެ.

"އަޅުގަނޑުމެން ޑޮކިއުމަންޓްތަކަށް އެދި ޝަރީއަތުގެ މަޖިލީހުގައި ޑޮކިއުމަޓްތައް ނުލިބުނުވާހަކަ ޕްރޮސިކިއުޓަރ ޖެނަރަލްގެ ހާޒިރުގައި ތަކުރާރުކޮށް ދަންނަވަމުން ގެންދިޔައިން. އެކަމަކު އޭގެމައްޗަށް އެއްވެސް ރިޢާޔަތްކުރުމެއްނެތި ޝަރީޢަތެއްނިމި ޙުކުމެއް އައިސްފައި މިއޮތީ އެހެންވީމަ އަޅުގަނޑުމެން ބޭނުންވޭ ޑޮކިއުމެއްންޓްތައް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މިވާހަކަފުޅާއި ގުޅިގެން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލް ވިދާޅުވީ ދިފާޢުގައި ޝާރީޢަތުގައި އެދިފައިވާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތްކުރާނެކަމަށާ، އަދި އަމުރަކަށް ދިފާޢުން އެދިއްޖެނަމަ އެއީ ނެރެންޖެހޭ ޢަމުރަކަށްވާނަމަ އެއަމުރު ޝަރީއަތުން ނެރެދެއްވާނެކަމަށެވެ. މީގެއިތުރުން އިންސާފުވެރި ޝަރީޢަތެއްގެ ވާހަކަ ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރައްވާތީ އެކަމަށް ރިޢާޔަތްކުރައްވައި އިސް ޤާޟީ ޝަކީލް ވިދާޅުވީ ކްރިމިނަލް ކޯޓުން ޝަރީޢަތް މީގެކުރިންވެސް މިހާރުވެސް ކުރިއަށްގެންދާނީ އިންސާފުވެރިކަމާއެކުކަމަށެވެ.

"ދެ ފަރާތައްވެސް ހަމަހަމަކަމާއެއްކޮށް އިންސާފުން ޝަރީޢަތް ކުރިއަށްގެންދަނީ. އެގޮތަށް ކުރިއަށްގެންދަނީވެސް އަދި ކުރިއަށްއޮތްތަނުގައިވެސް ކުރިއަށްގެންދާނީ އެގޮތަށް. އަދި މިކޯޓުގައި ކުރިއަށްގެންދާ ހުރިހާ ޝަރީއަތަކީވެސް އަދި ރާއްޖޭގައި ކުރިއަށްގެންދާ ހުރިހާ ޝަރީޢަތަކީވެސް އިންސާފުން ގެންދާ ޝަރީޢަތްތަކެއްކަމަށް ގަބޫލުކުރަން." ޤާޟީ ޝަކީލް ވިދާޅުވިއެވެ.

މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ދަޢުވާއިން ސަލާމާތްވުމަށް ބޭނުންވާ މުހިއްމު ބައެއް ޑޮކިއުމަންޓްތައް އަދިވެސް ލިބިފައިނުވާކަމަށެވެ. އެހެން ނަމަވެސް ދަޢުލަތުންވަނީ ރައީސް ޔާމީންގެ ފަރާތުްނ ހޯދަން އެދުނު ލިޔެކިއުންތަކުގެ ތެރެއިން ދައުލަތުން ސިއްރުކުރަން ޖެހޭ ލިޔެކިއުންތައްފިޔަވައި އެހެން ހުރިހާ ލިޔެކިއުންތައް ފޯރުކޮށްދީފައިވާކަމަށެވެ. އަދި އެދިފައިވާ ބައެއް ލިޔެކިއުންތަކަކީ ވުޖޫދުގައިވެސް ނެތް ލިޔެކިއުންތަކެއްކަން ދަޢުލަތުގެ ވަކީލުންވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވީ ރައީސް ޔާމީންގެ ވަކީލުން އެދިފައިވާ ލިޔެކިއުންތަކުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ ލިޔެކިއުންތައް ފޯރުކޮށްދޭންވާނެކަމަށާ، އަދި ކޮންމެހެން ބޭނުންވާ ލިޔެކިއުންތައް ހުރިނަމަ ރާއްޖޭގެ ޤާނޫނުތަކުގައި ބުނެފައިވާ ގޮތުގެ މަތިން އެތަކެތި ހޯދިދާނެކަމަށެވެ. އަދި ޝަރީޢަތުން އެކަމުގައި އަމުރެއް ނެރެން އެދިއްޖެނަމަ އެކަން ބެއްލެވުމަށްފަހު އެއެފަދަ ޢަމުރެއްވެސް ނެރުއްވާނެކަމަށް ޤާޟީ ވިދާޅުވިއެވެ.

މިމައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލާފައިވަނީ ހުށަހަޅާފައިވާ ލިޔެކިއުންތަކާއި ވީޑިއޯ ޑޮކިއުމެންޓްތައް ރައީސް ޔާމީންގެ ފަރާތުން ބަލައި ނިންމަން ބޭނުންވާކަމަށް ވިދާޅުވި 15 ދުވަހުގެ މުއްދަތުވެސް ދިނުމަށްފަހު ދެން އޮންނަ ޝަރީޢަތުގެ މަޖިލިސް އަންނަ ޖެނުއަރީ މަހުގެ 7ވަނަ ދުވަހު ބާއްވަން ނިންމުމަށްފަހުގައެވެ. އަދި އެދުވަހުގެ ޝަރީއަތުގައި އޮންނާނީ ދަޢުވާ ހުށައެޅުމާއި ދައުވާއަށް ޖަވާބުދާރީވުންކަމުގައި ޝަރީޢަތުންވަނީ ނިންމަވާފައެވެ.