ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތް ކުރުމަށް ފުރުސަތު ދެވޭ ކޮންމެ ބިދޭސީއަކަށް 2 ދިވެހިން ތަމްރީނު ކުރާގޮތަށް ފަތުރުވެރިކަމުގެ ދާއިރާގެ އިންޓާންޝިޕް އުސޫލަށް ޓޫރިޒަމް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިފަދަ ބަަދަލެއް ގެނައުމަށް ސަރުކާރުން ނިންމެވީ މިދައިރާގައި މަސައްކަތްކުރުމަށް ދިވެހިން ބިނާކޮށް ތަމްރީނުދީ، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް އިތުރު ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. މިހާރު އިންޓާންގެ ގޮތުގައި، މަސައްކަތް ކުރަން އަންނަ ބޭރު މީހުންނަށް ވިސާ ދޫކުރާނީ އެ މިނިސްޓްރީގެ ނޯ އޮބްޖެކްޝަން ލެޓަރ އޮތުމުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މިހާރު ގެނައި ބަދަލާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބިދޭސީއަކަށް އިންޓާންޝިޕް ފުރުސަތު ދޭއިރު، މިނިސްޓްރީގެ ނޯ އޮބްޖެކްޝަން ލެޓަރ ހޯދުމަށްޓަކައި 2 ދިވެހި ދަރިވަރަކަށް ތަމްރީނު ދިނުމަށް ވެވިފައިވާ އެއްބަސްވުން ހުށަހަޅަން ޖެހެއެވެ. މިއީ ދިވެހިންނަށް ފުރުސަތު ލިބުނުކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި މިގޮތަށް ދެވޭ ތަމްރީނަކީ ބިދޭސީ ދަރިވަރަަށް ދެވޭ ތަމްރީނަށް ވުރެ ކުރުނޫން މުއްދަތެއްގައި ދެވޭ ތަމްރީނަކަށް ވާންޖެހެއެވެ.
ޓޫރިޒަމް މިނިސްޓްރީން އިންޓާންޝިޕް އުސޫލަށް ބަދަލު ގެނެސް މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ހުރިހާ ތަނަކަށް މި ސާކިއުލަރ ވަނީ ފޮނުވާފައެވެ. މިނިސްޓްރީން ވިދާޅުވިގޮތުގައި، ފަހަކަށް އައިސް ރާއްޖޭގައި އިންޓާންޝިޕް ހެދުމަށް ބޭރުގެ ތަމްރީނު މަރުކަޒު ތަކުން ދަނީ އެދެމުން ކަމަށެވެ.
ސަރުކާރުން އަންނަނީ މިދާއިރާގައި ދިވެހިން އުޅޭ މިންވަރު އިތުރު ކުރުމަށް މުހިންމު ސިޔާސަތުތަކެއް އެކުލަވާލައްވައި ތަންފީޒުކުރައްވަމުންނެވެ. އެގޮތުން މިހާރު ދައިރާގައި ހަރަކާތްތެރިވާ މީހުންގެތެރެއިން އެކަށީގެންވާ ސަނަދެއް ނުވަތަ ތަމްރީނު ނެތުމުން ކުރިއަށް ނުދެވިތިބި މީހުން ކުރިއަށް ދިއުމަށް ކިޔަވައިދީ ތަމްރީނުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދެއެވެ.