ޚަބަރު

ފަހު ދައުރުގައި 15 ބިލެއް ފާސްކުރުމަށްފަހު މަޖިލިސް ޗުއްޓީއަށް


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި 15 ބިލެއް ފާސްކުރުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 3ވަނަ ދައުރުގެ ފަހު ޖަލްސާގައިވެސް މުހިއްމު ބިލުތަކެއް ފާސްކޮށްފައިވާއިރު މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ ނިމިގެންމިދިޔަ މިއަހަރުގެ 3ވަނަ ދަޢުރުގައި ރައްޔިތުންގެ މަޖިލީހުން ޖުމްލަ 15 ބިލެއް ފާސްކޮށްފައިވާކަމަށެވެ.

މިދައުރުގައި މަޖިލީހުން ފާސްކުރެއްވި މުހިއްމު ބިލްތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ތައުލީމުގެ ބިލާއި، ފުލުހުންގެ ޚިދުމަތުގެ ބިލާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ އިތުރުން، އިންތިޤާލީ އިންސާފުގެ ބިލުވެސް މަޖިލީހުންވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ނާއިބު ރައީސް ޢީވާ ވިދާޅުވީ މިއަހަރުގެ 3ވަނަ ދައުރުގައި ބޭއްވި 28 ޖަލްސާއަށް 89 ގަޑިއިރު މެންބަރުން ހޭދަކުރެއްވިކަމަށާއި، މިދައުރުގައި ކޮމިޓީ މަސައްކަތަށް 330 ގަޑިއިރު ހޭދަކުރެވުނުއިރު ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތަކާއި ގުޅޭގޮތުން ކޮމިޓީތަކުގައި ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރެވުނުކަން ފާހަގަކުރެއްވިއެވެ.

"ހެލްތް މިނިސްޓްރީގެ ކޯވިޑް-19އާ ގުޅޭ ފައިނޭންޝަލް އޮޑިޓް ރިޕޯޓާއި ގުޅިގެން މިތަނުން ފާސްކުރި ކޮމިޓީ ރިޕޯޓާއި މޯލްޑިވް ގޭސްގެ ކޮރަޕްޝަން މައްސަލަ، 2 މަސްތެރޭ ނިންމަން އޭސީސީއަށް އެންގުމަށް ފާސްކޮށްފި ރިޕޯޓް ފަދަ އެތައް މަސައްކަތެއް މެންބަރުން ކޮމިޓީގައިކޮށްފައިވޭ" މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވިއެވެ.

މިދައުރުގެ ތެރޭގައި މަޖިލީހުގެ ރިޔާސަތުން ހުށައެޅި 8 މައްސަލަ ނިންމާފައިވާއިރު، ސަރުކާރުން ހުށައެޅި 8 މައްސަލަ މަޖިލީހުން ނިންމައި، އެހެނިހެން މައްސަލަތަކާއި ގުޅޭ 14 ކަމެއް މެންބަރުންވަނީ ނިންމާފައެވެ.

މީގެ އިތުރުން ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި މިދައުރުގައި 17 ސުވާލެއް ވަޒީރުންނާއި މެންބަރުން މިދައުރުގައިވަނީ ކުރައްވާފައެވެ.