މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތަކަށް ބަންދުކޮށްފައި ހުރި މުއްދަތުގައި ލިބުނު ގެއްލުން 20 މިލިއަން ޑޮލަރާ ގާތްކުރާނެކަމަށް އަންދާޒާ ކުރެވޭކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތަށް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަސްއަދު ރިޟާ ވިދާޅުވީ، މާލެ ސަރަހައްދުގައި 2000 އަށްވުރެ ގިނަ ގެސްޓުހައުސް އެބަހުރި ކަމަށެވެ. އަދި މިދިޔަ އަހަރުވެސް 70 އިންސައްތަ އޮކިއުޕެންސީގައި މުޅި އަހަރު މިސަރަހައްދުގެ ގެސްޓު ހައުސްތައް ހުރިއިރު، މަހެއްގެ މައްޗަށް އެވްރޭޖްކޮށް 2 މިލިއަން ޑޮލަރު ލިބެމުން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
"ނަންބަރަށް ބަލާއިރު މަހަކު އާމްދަނީގެ ގޮތުގައި 2 މިލިއަން ޑޮލަރާއި ގާތަށް، ހަމައެކަނި ގެސްޓު ހައުސްތަކުގެ އެވެރޭޖް ރޫމް ރޭޓުގަ، އަޅުގަނޑުމެން ބަލާލިއިރު ވިޔަފާރި ގެއްލިފަ އެބަހުރި. ދެން މިދިޔައީ 9 މަސް. މިއީ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރާއި ގާތަށް ގެއްލުންވެފައި. ދެން މީގެ ތެރެއިން ބޮޑު އަދަދެއް ދައުލަތަށް ޓެކްސްގެ ގޮތުގައި ވަދޭ. އެވެސް ގެއްލިގެން ދިޔައީ. ގިނަ ބައެއް ވަޒީފާވެސް ގެއްލިގެން ދިޔައީ" އަސްއަދު ވިދާޅުވިއެވެ.
މިނިސްޓްރީން ވިދާޅުވީ މިހުރިހާ ކަމަކަށް ބަލާއިރު، މާލެ ސަރަހައްދު ހުޅުވާލުމުން ފަތުރުވެރިކަމުގެ ދާއިރާގެ ނަފާގެ ބޮޑުތަނުން އިތުރުވެރިގެން ދާނެކަމަށެވެ.
މިޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ، މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކަށް މާ ބޮޑު ލުޔެއް ނުދެވޭ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ރިސޯޓުތަކުގެ ބިމު ކުލި އަކީ ސަރުކާރަށް ދައްކަން ޖެހޭ އެއްޗެއް ކަމުން ބިމު ކުލި ފަސް ކޮށްދެވުނު ކަމަށާއި، ނަމަވެސް މާލެ ސަރަހައްދުގެ ހުރިހާ ގިނަ ގެސްޓުހައުސްތަކަކީ ބޮޑު އަދަދުން ކުލި ދައްކަން ޖެހޭ ތަންތަން ކަމަށްވެފައި، އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ކުލިއަށް ވުމުން ސަރުކާރުން އެކަންކަމުގެ މާ ބޮޑު އެހީތެރިކަމެއް ދެވިފައި ނުވާ ކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ، އޮކްޓޯބަރުމަހު ތެރޭގައި ރާއްޖޭގެ ގެސްޓު ހައުސްތައް ހުޅުވާލާން ފުރުސަތު ދިންއިރު، ހެދިފައި ހުރި އުސޫލުތަކާއި އެއްގޮތަށް މާލޭގެ ގެސްޓު ހައުސްތަކުންވެސް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އަދި ހުއްދަ ދިނުމުގައި އެއްވެސް ލިމިޓެއް އަދި ކޯޓާ އެއް ކަނޑައެޅިފައި ނުވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވްވާ މިންވަރު %0.2 ގައި ހުރިއިރު، އެއްވެސް ވަރަކަށް ފަތުރުވެރިންގެ މެދުގައި ކޯވިޑް ފެތުރި ނުވަތަ ގެސްޓު ހައުސް ސްޓާފަކަށް ބަލި ޖެހިފައިނުވާކަމަށެވެ. އަދި ގައިޑްލައިންތަކަށް އަމަލު ކުރުމުން، ވަރަށް ބޮޑަށް ރައްކާތެރިވެވޭކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މިމަހުގެ 14 ވަނަ ދުވަހު ގެސްޓު ހައުސްތަށް ހުޅުވަން ޓުއަރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މާލެ ސަރަހައްދުގައި އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ފަތުރުވެރިން ދިއުމާ ގުޅޭ އިތުރު ގައިޑް ލައިން އެއްވެސް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.