ރ.ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދާ އެމް.ޑަބްލިއު.އެސް.ސީން ވިދާޅުވީ މި މަޝްރޫއުގެ ދަށުން އެރަށުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޢިމާރާތުގެ %40 މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށައް ގެންގޮސްފައިވާކަމަށާ، ފެން އުފެއްދުމަށްޓަކައި ބޭނުންވާ ބޯހޯލް ތޮރުފުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 10.98 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގއެއް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 190 އަކަ މީޓަރުގެ 2 ތާނގިއާއި 380 އަކަ މީޓަރުގެ 1 ތާންގި ބެހެއްޓުން ހިމެނެއެވެ. އެމް.ޑަބްލިއު.އެސް.ސީން ވިދާޅުވީ މި މަޝްރޫއުގެ ދަށުން ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޮރުކޮށްދޭނެކަމަށެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގެ 7.69 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 870 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޑަބްލިއު.އެސް.ސީއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 1 އަހަރާއި 10 މަސްދުވަހުގެ ތެރެގައެވެ. މިމަޝްރޫޢުއަށް ޖުމްލަ 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.