ކޯވިޑްގެ ސަބަބުން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިނާޔަތް ނުވަތަ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި މިހާތަނަށް 160 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އާމްދަނީ ލިބުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ތަޢާރަފު ކޮށްފައިވާ އިންކަމް ސަޕޯޓު އެލަވެންސް ގޮތުގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް 164.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އިންކަމް ސަޕޯޓު އެލަވަންސްއަށް އެދުނު މީހުންގެ ތެރެއިން މިހާތަނަށް 13177 މީހަކަށް އެލަވެންސް ވަނީ ދޫކޮށްފައެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ.
ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއިއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ.
އިންކަމް ސަޕޯޓު އެލަވަންސަށް އެދި ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރަށެވެ.