އިންޑިޔާއާއި ދިވެހިރާއްޖެއާއި ދެމެދު ފޮރިން ސަރވިސް އިންސްޓިޓިއުޓް އަދި ކުޅިވަރާއި ޒުވާނުން ކުރިއެރުވުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ދެ ޤައުމުގެ ޚާރިޖިއްޔާއިން މި ދެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިއަދު ކުރިޔަށްދިޔަ އިންޑިޔާއާއި ރާއްޖޭގެ ޖޮއިންޓް ކޮމިޝަންގެ ފަސްވަނަ ބައްދަލުވުމަށްފަހުއެވެ. މި ބައްދަލުވުމަށްފަހު، ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އަދި އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖްވަނީ، ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި މަޝްވަރާކޮށް، އެއްބަސްވެވުނު ކަންތައްތަކާއިބެހޭ މިނިޓްސްގައި ސޮއިކުރައްވާފައެވެ. ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި ދެ ޤައުމުގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގަތީ ދުންޔާ މައުމޫން އަދި ސުޝްމާ ސުވަރާޖެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫންވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައިކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއެވެ.އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިކާސް ސްވަރުޕް މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސުޝްމާ ސުވަރާޖްވަނީ ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ ރަން ޔޫބީލްގެ ތަހުނިޔާ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ރައްދުކޮށްފައި.އަދި، މިއީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްވިތާ ފަންސާސް އަހަރު ފުރޭ ކުލަގަދަ އަހަރުކަން އޭނާ ފާހަގަކުރައްވާފައިވެއެވެ. މި ބައްދަލުވުގައި ވާހަކަފުޅު ދައްކަވަމުން، ސުވަރާޖްވަނީ، އިންޑިޔާގެ ޚާރިޖީ ސިޔާސަތުގެ ދަށުން އެ ޤައުމުން އަބަދުވެސް އެންމެ ފުރަތަމަ އިސްކަމެއް ދެނީ އަވަށްޓެރި ޤައުމުތަކަށްކަމަށް ވިދާޅުވެފައިވާކަމަށް ސްވަރުޕް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އ.ދ.ގެ ދާއިމީ މެމްބަރަކަށްވުމަށް އިންޑިޔާއިން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށް ދުންޔާ ވިދާޅުވެފައިވާކަމަށްވެސް ސްވަރުޕް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ މުހިއްމު ދާއިރާތަކުގެ ތެރޭގައި ދިފާޢީ އަދި ސަލާމަތީ ދާއިރާ، ވިޔަފާރި، އިޤްތިޞާދު އަދި ތަރައްޤީގެ ދާއިރާ، ޞިއްހަތު، ހަކަތަ، އިންސާނީ ވަޞީލަތް ތަރައްޤީކުރުން އަދި ތާރީޚާއި ޘަޤާފީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނޭކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިކާސް ސްވަރުޕް ވިދާޅުވިއެވެ.