ވިޔަފާރި

ޔޫއެންޑަބްލިއުޓީއޯގެ ހާއްސަ ސެޝަނެއްގައި ރާއްޖެއިން ބައިވެރިވެއްޖެ


އ.ދގެ ފަތުރުވެރިކަމާއި ބެހޭ އިދާރާ، ޔޫ.އެން.ޑަބްލައު.ޓީ.އޯ 14 ވަނަ އޭޝިއާ ޕެސިފިކް އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމުގެ ހާއްސަ ސެޝަނެއްގައި، ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ މައުސޫމު މި ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ހާއްސަ ސެޝަނެއްގައި ކީނޯޓު ސްޕީކަރެއްގެ ގޮތުގައެވެ. އެގޮތުން މިނިސްޓަރ މައުސޫމް ވާހަކަ ދައްކަވާފައިވަނީ، "ބައިނަލްއަޤްވާމީ ފަތުރުވެރިކަން އަލުން ފެށުން - އައު އާންމު ހާލަތުގައި ކާމިޔާބީ އަށް ވާސިލްވާ ކަންކަމާއި ހާލަތުތައް"، މި މައުޟޫއުގެ މައްޗަށެވެ. މިިނިިސްޓަރ ދެއްކެވި ވާހަކަފުޅުގައި ޓުއަރިޒަމް މިނިސްޓަރ ވަނީ ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ރައްކާތެރި ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރެވުނު މަސައްކަތްތަކާއި އެޅުނު ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އ.ދގެ ފަތުރުވެރިކަމާބެހޭ އިދާރާއިން ބާއްވާ މި ތަމްރީނު ޕްރޮގްރާމަކީ މި ސަރަހައްދުގެ ޤައުމުތަކަށް ބާއްވާ މިފަދަ ހަމައެކަނި ތަމްރީނު ޕްރޮގްރާމެވެ. އެގޮތުން އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން މި ޕްރޮގްރާމުގައި 18 ޤައުމަކުން 37 ބައިވެރިޔަކު ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 15 އިން 17 އަށެވެ. މިއީ މި ސަރަހައްދުގެ ޤައުމުތަކަށް ބާއްވާ 14 ވަނަ ޕްރޮގްރާމެވެ. މި ފަހަރު ޕްރޮގްރާމުގެ މައި މައުޟޫއަކީ ފަތުރުވެރިކަމާއި، ރަށްފުށު ސަރަހައްދުގެ ތަރައްޤީއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގައުމުތަކުގެ އިސްފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ ޤައުމުތަކުގައި ނުވަތަ ފަތުރުވެރިކަމުގެ މަންޒިލުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް، ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި ގެންގުޅޭނެ އުކުޅުތަކާއި މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމާއި، އެކި ޤައުމުތަކުގައި ގެންގުޅޭ ކާމިޔާބު ސިޔާސަތުތައް ހިއްސާ ކުރުމެވެ.