ޚަބަރު

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓް މާޗު މަހަށް ނިންމަނީ


މާޗުމަހު މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ އައްޑޫ ސިޓީގައި ޤާއިމްކުރާ ޕޮލިސް އެކެޑަމީއަށް "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެން ލޯ އެންފޯސްމެންޓް"ގެ ނަން ދިނުމަށް ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، އައްޑޫގައި ޤާއިމްކުރާ ޕޮލިސް އެކަޑަމީ ބައްލަވާލެއްވުމަށް މީޑިއާތަކާއެކު އެތަނަށް ކުރެއްވި ޒިޔާރަތަށްފަހުއެވެ. މިޒިޔާރަތުގައި އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ސީޕީ އޮޅުންފިލުއްވެވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ޕޮލިސް އެކެޑެމީ އޮންނާނީ ދިވެހި ފުލުހުންގެ ބެލުމުގައި ދަށުގައިކަމަށާއި މިއީ އަސްކަރީ މަރުކަޒެއް ނޫން ކަމަށެވެ.

"މިތަން ވާނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން އޯން ކުރާ ފެސިލިޓީއަކަށް. މިތަނުގެ ނަމަކީ 'ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓް'. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އަޅުގަނޑު މިތަން އޯޕަންކޮށް ދައްކާލީމަވެސް، މީކީ އެއްވެސް ވަރަކަށް މިލިޓަރީ މަސައްކަތްތަކަށް ހަދާފައި ހުރި ތަނެއް ނޫން. މިތަނުގައި އެބަހުރި ފުލުހުންނަށް ކިޔަވައިދޭ ކްލާސްރޫމް ތަކާއި، އައުޓް ޑޯރ ޑްރިލް ސްކުއާ އަކާއި އަދި ބައެއް އޯޕެން ސްޕޭސް ބޭނުން ކުރެވޭނެ ފުލުހުން ބައެއް ފިޒިކަލް ތަމްރީނު ހިންގުމަށްޓަކައި. ބައެއް އޮބްސްޓެކަލް ކޯސްތަކާއި އަދި ރެޕަލިންގް ޓަވާ. އެއީކީ އެއްވެސް ގޮތަކަށް އަސްކަރީއްޔާ އާއި ގުޅުން ހުރި ތަނެއް ނޫން. " ހަމީދު ވިދާޅުވިއެވެ.

އެކެޑެމީގެ މަސައްކަތާއި ގުޅޭގޮތުން ސީޕީ ހަމީދު ވިދާޅުވީ، އެތަނުގެ %70 އާއި %75 މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އަންނަ އަހަރު މާރޗުމަހަށް ތަނުގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.

ރާއްޖޭގެ ތަންފީޒީ އިދާރާތަކަށް ހާއްސަ ކުރެވިގެން ހަދާ މިތަނުގައި، 340 މީހުންނަށް އެއްފަހާރާ މިތަނުގައި ތިބެގެން ތަމްރީނު ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ، މީގެ އިތުރުން މިތަނުގައި ސިއްޙީ ފަރުވާދޭނެ ތަންތަނާއި ކުޅިވަރާއި ތަމްރީނުތަކަށް، 800 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމްއަކާއި، ބާސްކެޓު، ޓެނިސް އަދި ފުޓުބޯޅަ ގްރައުންޑަކާއިިއެކު، 400 މީޓަރުގެ ދުވާ ޓްރެކެއް ހިމެނެއެވެ. އަދި ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއްވެސް އޮންނާނެއެވެ. މީގެ އިތުރުން ކިޔަވައި ދިނުމަށް 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ކުލާސް ރޫމްތައް ހުންނާނެއެވެ.

ކޮމިޝަނަރ ވިދާޅުވި ގޮތުގައި މިތަނުގެ އެއްބަސްވުމުގެ ދަށުން އެއްވެސް ބަޔަކާއި މި ތަން ހިންގުމަށް ހަވާލުނުކުރާނެކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައިވެސް މިތަން އޮޕަރޭޝަނަށް ގެނައުމަށް ހިމަނާފައިވާނެ ކަމަށެވެ.

އައްޑޫ ސިޓީގައި ޤާއިމްކުރާ ޕޮލިސް އެކެޑަމީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. މިއީ މިއަހަރުގެ ޖުލައި 26 ވަނަ ދުވަހަށް ނިންމަން މަސައްކަތްކުރި ތަނެއްނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ތަނުގެ މަސައްކަތް ލަސްވެގެންދިޔައެވެ. މަޝްރޫއުގެ ނިމޭއިރު މަޝްރޫއަށް 40 އާއި 42 މިލިއަން ޑޮލަރާ ދެމެދު ޙަރަދުވާނެއެވެ. އަދި މިއީ މިސަރަހައްދުގައި ވެސް ހެދޭ އެންމެ ރަނގަޅު ފުލުހުން ތަމްރީންކުރާ މަރުކަޒަށް ވާނެކަމަށް ފުލުހުން ބުނެއެވެ.