ވިޔަފާރި

ލަންކާގެ މައްތަލައަށް މޯލްޑިވިއަންއިން ޚާއްސަ ދަތުރުތަކެއް


ލަންކާގެ މައްތަލަ ރާޖަޕަކްސަ އިންޓަރނޭޝަނަލް އެއަރޕޯޓަށް، މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ.

ލަންކާގެ ދެކުނު ސަރަހައްދުގައި އޮންނަ މައްތަލަ އިންޓަނޭޝަނަލް އެއަރޕޯޓަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ މިރެއެވެ. އެގޮތުން ހަފްތާއަކު ދެދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުތަކަކީ ލަންކާއިން ޗާޓަރކޮށްގެން ބާއްވާ ދަތުރުތަކެކެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެއްމަސް ދުވަހުގެ މުއްދަތަށް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މައްތަލަ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ސްރީލަންކާގެ ރަތުމަލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައްވަނީ ހުއްޓިފައެވެ. ނަމަވެސް މިހާރު އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން ލަންކާއަށް ދަތުރުތަކެއް އެ އެއަރލައިނުން ދަނީ ބާއްވަމުންނެވެ.