ރާއްޖޭގެ 4 އަތޮޅަކުން 3 ރަށާއި އަދި ބިމެއް، ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްޤީ ކުރުމަށް ހުޅުވާލާފައިވަނީ، ހއ. އަލިދުއްފަރުފިނޮޅު، ށ. ކުޑަޅައިމެންދޫ ނ. ކުންނަމަލެއި އަދި ހދ އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވައިކުރަމުރައިދޫން 15 ހެކްޓަރުގެ ބިމެކެވެ.
ޓުއަރިޒަމް މިނިސްޓްރީން ރައްތަކާއި ބިމެއް ފަތުރުވެރިކަމަށް ހުޅުވާލިއިރު، މިކަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ޖެނުއަރީ 14 ވަނަ ދުވަހު ބާއްވާނެއެވެ. މި ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުގެ މައުލޫމާތު 13 ޖެނުއަރީގެ 14:00 ކުރިން މިނިސްޓްރީއަށް އެންގުމަށް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.
މި ތިން ރަށާއި، ބިމުގެ ބީލަން ފޮތް މި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރު މާޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީން ގަނެވޭނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި ބީލަން ހުށަހެޅުން މާޗު މަހުގެ 7 ވަނަ ދުވަހު އޮންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
ސަރުކާރުން ރިސޯޓު ތަރައްޤީ ކުރުމަށް ހުޅުވާލާ މިރަށްތަކަކީ މި ސަރުކާރުން މުޅިން އަލަށް ރިސޯޓު ތަރައްޤީ ކުރުމަށް ހުޅުވާލާނެކަމަށް މިދިޔަ އަހަރު އިއުލާން ކޮށްފައިވާ 29 ރަށުގެ ތެރޭގައި ހިމެނޭ ރަށްތަކެކެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ރަށްތައް ތަރައްޤީކޮށް އެއްކޮށް ނިމޭއިރު 13720 އެނދު ޤާއިމު ކުރެވޭނެއެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ 35000 އެނދު އަލަށް ތަރައްޤީ ކުރުމުގެ ވައުދުގެ ތެރޭގައި ހިމެނިގެން ދާނެ އެނދުތައްކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.