ޚަބަރު

އިންތިޚާބުގައި ވާދަކުރަން އިތުރު ފުރުސަތު ލިބިދިނުމަށްއެދި ހައިކޯޓަށް މައްސަލައެއް


ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނީ 6 މާރިޗު 2020ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންނަށް އެކަނިކަމަށް ކަނޑައަޅައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގައި ހިމަނާފައިވާބައި ޤާނުނު އަސާސީއާ ޚިލާފުކަމަށް ކަނޑައަޅައި އެބައި އުވާލަދިނުމަށް އެދި އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށައަޅައިފިއެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ އެފަދަ މައްސަލައެއް ހައިކޯޓަށް ހުށައެޅުމުން އެމައްސަލަ މިހާރު ބަލައިގެންފައިވާކަމަށެވެ. ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ މުޙައްމަދު ތަސްލީމް ހައިކޯޓަށް މިމައްސަލަ ހުށައަޅާފައިވަނީ މިމަހުގެ 15ވަނަ ދުވަހުގައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ އެމައްސަލަ ހައިކޯޓަށް ހުށަހެޅީ ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބު، ފަސްކުރެވުނު ނަމަވެސް، އެއިންތިޚާބުގައި ވާދަކުރާނީ، އެއިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، 6 މާރިޗު 2020ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ޢާންމުކޮށްފައިވާ ކެންޑިޑޭޓުންކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020ގެ 3ވަނަ މާއްދާގެ (ހ)ގައި ހިމަނާފައިވުމުން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި ޤާނޫނު އަސާސީގެ ބޮޑެތި މަބާދިޢުތަކާ ޚިލާފަށްކަމަށެވެ.

އެހެން ކަމުން އެއީ ބާޠިލު ބައެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އެދުނުގޮތަށް ހައިކޯޓުން އެމައްސަލަ ބެލުމަށަފަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020ގެ 3ވަނަ މާއްދާގެ(ހ) ބާޠިލުކޮށްފިނަމަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިތުރު ފަރާތްތަކަށް ލިބިގެންދާނެއެވެ.

މިހާރު ޤާނޫނު އޮތްގޮތުން އިތުރު ބަޔަކަށް އިންތިޚާބުގައި ވާދަނުކުރެވުނުނަމަވެސް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ނަން އަނބުރާ ގެންދިއުމަށް ފުރުސަތު ހުޅުވާލުމާއެކު ލޯކަލް ކައުންސިލް އިންތީޚާބާއި އަންހެނުންގެ ތައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލާފައިވާ 114 މީހަކު މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.

އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިތުރު ފަރާތްތަކަށް ލިބިގެންދާފަދަ ގޮތަކަށް ޤާނޫނުގެ މާއްދާއެއްގެ އަކުރެއް އުވައިދިނުމަށް އެދި ކޯޓަށް ހުށައަޅާފައިވާއިރު، ޤާނޫނަށް އިސްލާޙު ގެނެސްގެން ނޫންގޮތަކަށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކުރިއަށް ގެންދެވިދާނެކަމަށް ނުބެލެވޭކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްވަނީ ވިދާޅުވެފައެވެ.