ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން އައްޑޫ ފްލައިންސްކޫލުގެ އިސްވެރިންނާއި ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި ފްލައިން ސްކޫލުގެ ދަރިވަރުންގެ ފުށުން އައިސްފައިވާ ޝަކުވާތަކާއި، އަދި މީގެ އިތުރުން ސްކޫލަށް މިވަގުތު ހިނގުމުގައި ހުރި ގޮންޖެހުންތައް ކޮމެޓީގެ މެންބަރުން ވަނީ ސާފު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ފްލައިން ސްކޫލު ހިންގުމާއި ހަވާލުވެ ހުންނެވި ސުރަންޖަން ޑި ސިލްވާ އެތަނަށް ދިމާވެފައިވާ ގޮންޖެހުންތަށް ތަފްސީލު ކޮށްދެއްވިއެވެ. އެގޮތުން ކޯވިޑްގެ ސަބަބުން މާރިޗު މަހުން ފެށިގެން 5 މަސްދުވަސް ވަންދެން ކިޔެވުން މެދު ކެނޑިގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ތެރޭގައި ސްކޫލުގެ އުޅަނދުތަކަށް އަހަރުން އަހަރަށް ބޭނުންވާ ސްޕެއާ ނުލިބި ގިނަ ދުވަސް ވުމާއި، ދަތުރުފަތުރުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވިކަމަށް އޭނާ ބުންޏެވެ.
އެގޮތުން ސްކޫލުގައި މިވަގުތު 12 އުޅަނދު އޮތްއިރު، މިވަގުތު އުދުހެނީ 4 ކުޑަ އެއާކްރާފްޓާއި، މަލްޓި އިންޖީން އެއް އެއަރ ކްރާފްޓްކަމަށް ސްކޫލުން ބުނެއެވެ. ނަމަވެސް މިއަންނަ ޖެނުއަރީމަހުގެ ނިޔަލަށް އިތުރު އުޅަނދުތައް ގެނައުމަށް މަސައްކަތްކުރާކަން ފްލައިން ސްކޫލުން ފާހަގަކުރެއެވެ.
އަދި މިގޮތަށްވާއިރު، ސްކޫލުގެ ދަރިވަރުންނަށް އެންމެ އެކަށީގެންވާ ގޮތަށް އުދުހުމުގެ ފުރުސަތު ނުދެވޭކަމަށް ސްކޫލުން ޤަބޫލު ކުރެއެވެ. މީގެ އިތުރުން ކުރިންވެސް ސްޕެއާ ލިބުމާއި ކުދިންނަށް ބޭނުންވާ އަދަދަށް އިންސްޓްރަކްޓަރުން ނެތްކަން ސްކޫލުން އެއްބަސްވެއެވެ.
ރައްޔިތުން މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާއި ބެހޭ ކޮމެޓީގެ މެންބަރުން ސުވާލުތައް ބޮޑަށް އަމާޒުވެގެން ދިޔަ އެއް މަސަލައަކީ ދަރިވަރުންގެ ކޯސް ނިންމަން ދީފައިވާ މުއްދަތަށް ވުރެ ދިގުލައިގެން ގޮސް، ކޯސް ނުނިމި ލަސްވެގެން ދިއުމެވެ.
މި ސުވާލުތަކަށް ސްކޫލުން ތަކުރާރުކޮށް ދިން ޖަވާބަކީ ވަކިވަކި ދަރިވަރުންގެ މައްސަލަ ބުނެދެވޭނީ ދަރިވަރުންގެ ނަންތައް ހާމަ ކުރުމުން ކަމަށެވެ. އަދި އާންމު މައްސަލައެއް ގޮތުގައި ސްކޫލުން ފާހަގަކުރި އެންމެ ބޮޑު މައްސަލަ އަކީ ސްކޫލަށް އަންނަ ދަރިވަރުން ކޯހުގެ މެދުތެރެއިން ސްކޫލަށް އެނގުމަކާއި ނުލާ 'ސްކޫލަށް ގެއްލޭ' މައްސަލައެވެ. އަދި ބައެއް ފަހަރު ފައިސާގެ ދަތިތައް ހުރި ކަމަށް ބުނެ ކޯސް މެދު ކަނޑާލާކަމަށް ފްލައިން ސްކޫލުން ބުނެއެވެ.
މިމައްސަލައިގައި ސްކޫލުން ބުނެފައިވަނީ، އިމްތިހާނުތައް އޮންނަ މުއްދަތަށް ނިންމާ އަދި ޤަވާއިދުން ލާރި ދައްކާ ދަރިވަރުންނަށް އުދުހުމުގެ ގަޑިތައް ލިބޭނެ ކަމަށެވެ.
އައްޑޫ ފްލައިން ސްކޫލުން ވިދާޅުވީ، މިހާރު ސިވިލް އެވިއޭޝަން އޮތޯރިޓީން ސްކޫލުގެ މައްސަލަތައް ހައްލު ކުރުމަށް އަންގާފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންގެ އާބާދީ އިންސްޓަރަކްޓަރުންގެ ތިބި އަދަދާއި ނުބައްދަލު ކަމަށް ސްކޫލުން ބުނެއެވެ.
އައްޑޫ ފްލައިން ސްކޫލުން ވިދާޅުވީ، އެތަނުގައި މިވަގުތު ލިސްޓު ކުރެވިފައިވާ 173 ދަރިވަރުން ތިބި ކަމަށެވެ. އަދި މިވަގުތު 12 އިންސްޓަރަކްޓަރުން ތިބި އިރު، މިއީ މިންގަނޑުތަކާއި ނުބައްދަލު އަދަދެއްކަމަށް ސްކޫލުން ބުނެއެވެ.
ސްކޫލުން ބުނި ގޮތުގައި ސްކޫލުގައި 173 ދަރިވަރުން ލިސްޓުވި ނަމަވެސް، އެކްޓިވްކޮށް އުޅޭނީ 60 އެއްހައި ދަރިވަރުން ކަމަށެވެ. އަދި ދެން ތިބި ދަރިވަރުންނަކީ ސްކޫލަށް 'ކޮމިޓްމެންޓް' ދެވޭނެ ދަރިވަރުންތޯ ބަލަންޖެހޭކަމަށް އެސްކޫލުން ބުނެއެވެ. އެގޮތުން އެންމެ އެކަށީގެންވާ ގޮތަށް ކިޔަވައި ދެވެން އޮތީ އިންސްޓްރަކްޓަރުން ތިބި ނިސްބަތުން 72 ދަރިވަރުންނަށްކަމަށް ސްކޫލުން ބުނެއެވެ. އެހެން ކަމުން 100 އެއްހާ ދަރިވަރުން ވަކިކުރަންޖެހިދާނެކަމަށް ފްލައިން ސްކޫލުން ބުނެއެވެ. ނަމަވެސް ދަރިވަރުން ވަކި ކުރާނީ ދަރިވަރުންގެ ޕާފޯމެންސްއާ އެހެނިހެން ކަންކަމަށް ބަލާފައި، އެކަށީގެންވާވަރަށް މަސައްކަތް ނުކުރާ ދަރިވަރުންކަމަށް ފްލައިން ސްކޫލުން ބުނެއެވެ.
ސްކޫލުގެ އިންސްޓްރަކްޓަރުންނާއި ނުބައްދަލު ވަރަށް ދަރިވަރުން ސްކޫލަށް ނެގީ ކީއްވެތޯ މެންބަރުން ސްކޫލާއި ސުވާލު ކުރިމަތިކުރިއެވެ. މިމައްސަލައިގައި ސްކޫލު ހިންގުމާއި ހަވާލުވެ ހުންނެވި ސުރަންޖަން ވިދާޅުވީ، ސްކޫލަށް 71 ދަރިވަރުން 2018 ވަނަ އަހަރު ކުރީކޮޅު ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަންއިން މަޖުބޫރުކޮށްގެން ނެގި ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، މިއީ އޭރުގެ ސަރުކާރުން އިންތިހާބާއި ގުޅުވައިގެން ކުދިންނަށް ޖާގަ ހޯދައިދީ ވޯޓު ހޯދުމުގެ ނިޔަތުގައި ކުރި ކަމެކެވެ.
ނަމަވެސް، މިކަމަށް ހަޔަރ އެޑިއުކޭޝަނުން އޭރު މަޖުބޫރު ކުރީ ކޮންބައެއްތޯ އެހުމުން ސުރަންޖަން ބުނީ އެއީ ކޮންބައެއްކަން ބުނެދޭން ނޭނގޭ ކަމަށެވެ. އެމީހުން ބުނެދޭން އެނގޭނީ ފެނުނީމަކަމަށެވެ.
އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްގެ ނަމުގައި ހިންގާ އައްޑޫ ފްލައިން ސްކޫލާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ޤައުމީގެ ތަރައްޤީ އާއި ތަރިކައިގެ ކޮމެޓީގެ މެންބަރުން ބައްދަލު ކުރެއްވި އިރު، ދަރިވަރުންގެ ގިނަ މައްސަލަތަކަށް ސްކޫލުން ޖަވާބު ދޭނީ ވަކިވަކިން ކަމަށް ފްލައިން ސްކޫލުން ވަނީ ބުނެފައެވެ. އެގޮތުން ވަކިވަކި ދަރިވަރުންގެ މައްސަލަ ނޭނގި ސްކޫލަށް ގިނަ ތުހުމަތުތަކެއް ދަރިވަރުން ކުރާއިރު، ސްކޫލުން އެކަންކަމަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް ބުންޏެވެ. އަދި ގިނަ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތި ކުރާ ތުހުމަތުތައްކަމަށް ސްކޫލުން ބުނެއެވެ.
ސްކޫލުން ތުހުމަތުތަކަށް އިންކާރު ކުރާއިރު، މިމައްސަލައިގެ އެންމެ އަޑިއަށް ގޮސް، ވެގެން އުޅޭ ގޮތް ރަނގަޅަށް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާޢި ތަރިކައިގެ ކޮމެޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިމައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކާއެކު ބައްދަލު ކުރައްވާނެކަމަށް އެކޮމެޓީން ވަނީ ބުނެފައެވެ.