ބްރިޓިޝް ލޯޔަލްޓީ ޑައިވް ރެކަށް 75 އަހަރު ފުރުމާއި ދިމާކޮށް ބާއްވާ ޑައިވިން ހަރަކާތުގެ ފެށުން އަންގާރަ ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.
ބްރިޓިޝް ލޯޔަލްޓީ ޑައިވް ރެކްއަކީ ފަތުރުވެރިންގެ މަޤްބޫލު އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޝިޕްވްރެކް ޑައިވް ސައިޓެވެ. އެމްއެމްޕީއާރްސީ އާއި ޓުއަރިޒަމް މިނިސްޓްރީގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މިހަރަކާތުގެ ފެށުމުގެ ރަސްމިއްޔާތަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫސިޓީ ހުޅުމީދޫގައި ހަރަކާތްތެރިވާ ނަލަފެހި ޖަމީއްޔާއިން، އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިހަރަކާތަކީ، ދެކުނުގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތްތެއްކަމަށް ނަލަފެހި ޖަމީއްޔާއިން ބުނެއެވެ. މިހަރަކާތް އިންތިޒާމްކުރާ ކޮމެޓީގެ ސްޕޯކްސްޕާސަން ހުސެއިން މުފީދު ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ބުނީ، ހަރަކާތުގައި 70 އަށްވުރެ ގިނަ ޑައިވަރުން ބައިވެރިވާނެކަމުގެ ޔަޤީން މިހާރުވެސް ލިބިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، މިހަރަކާތް ދެ ބަޔަކަށް ބެހިގެންދާނެ ކަމަށެވެ. އެގޮތުން ޖެނުއަރީ 5 ވަނަ ދުވަހު ކިކްއޯފް އިވެންޓު މަރަދޫ ބަނދަރު ސަރަހައްދުގައި ބާއްވާ، ރާއްޖެއަށް ނިސްބަތްވާ 70 އަށްވުރެ ގިނަ ޑައިވަރުން ވްރެކަށް ޑައިވްކުރާނެ ކަމަށެވެ. އަދި އަންނަ މާރިޗު މަހުގެ 29 ވަނަ ދުވަހު މި ޑައިވްގެ މައި ހަރަކާތް ކުރިއަށްގެންދަން ރާވާފައިވާކަމަށް ބުނެއެވެ. އެގޮތުން، މާރިޗު މަހުގައި ބާއްވާ ހަރަކާތުގައި އިނގިރޭސިވިލާތުގެ 75 ޑައިވަރުން އައިސް ޑައިވް ކުރުމަށް ރޭވިފައިވާކަމަށް އޭނާ މައުލޫމާތު ދިނެވެ.
ބްރިޓިޝް ލޯޔަލްޓީއަކީ އިނގިރޭސިން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ބޭނުންކުރި ތެޔޮ ޓޭންކަރެކެވެ. ކަނޑުގެ 33 މީޓަރު އަޑީގައި އޮތް މިބޯޓަކީ އިނގިރޭސިން އަދި އައްޑޫގެ ތާރީޙާއިވެސް ގުޅިފައިވާ ބޯޓެކެވެ. ދިގުމިނުގައި 134 މީޓަރު ހުރި މި ބޯޓު ކަނޑުފައްތާލީ 1946 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުއެވެ. މިބޯޓު ފެތުނީ ޓޯޕީޑޯ ހަމަލާއަކުން ބޯޓަށް ގެއްލުންވުމާއި އެކުއެވެ. މިމަހުގެ 5 ވަނަ ދުވަހު ޝިޕްރެކަށް، 75 އަހަރު ފުރޭއިރު މިހާރު އެ ސަރަހައްދުވަނީ ތަފާތު އެކިއެކި ދިރުންތަކުން ފުރިފައެވެ.