ކުޅިވަރު

ގްރީން މެޗުން މަދުވެގެން ޕޮއިންޓެއް ހޯދަންޖެހޭ - ނާދު


ގްރީން ސްޓްރީޓްސް މެޗުން މަދުވެގެން ޕޮއިންޓްއެއް ހޯދަންޖެހޭކަމަށް ސުޕަރ ޔުނައިޓަޑް ސްޕޯޓްސްގެ ކޯޗް އަހުމަދު ނަޝީދު (ނާދު) ބުނެފިއެވެ.

ދިރާގު ދިވެރި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވާދަކުރާނީ ގްރީން ސްޓްރީޓްސް އާއި ސުޕަރ ޔުނައިޓަޑް ސްޕޯޓްސްކުލަބެވެ. މިވަގުތު ޓީމް އޮތް ހާލަތަށް ބަލާފަ ގްރީން މެޗުން ބަލިނުވެ، ސަލާމަތް ވުމަކީ މެޗަށް ނިކުންނައިރު އެންމެ މުހިންމު އެއް އަމާޒުކަމަށާއި ނަމަވެސް ސަސްއިން މެޗުން 3 ޕޮއިންޓް ހޯދަން މަސައްކަތް ކުރާނެކަމަށްވެސް ސަސްގެ ކޯޗް އަހުމަދު ނާޝިދު ބުންޏެވެ. ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތާކާއި ހުރެ ބައެއް ކުޅުންތެރިން ގްރީން ސްޓްރީޓްސް މެޗުގައި ނުފެނިދާނެކަމަށްވެސް ކޯޗް ނާދު ބުންޏެވެ.

ކޯޗުބުނީ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ކުޅުމާމެދުވެސް ވަރަށް ހިންހަމަޖެހޭކަމަށާއި ހާއްސަކޮށް ކުރިއަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ މުނޯޒްގެ ފަރާތުން ފެންނަ ކުޅުމާމެދު ވަރަށް ހިންހަމަޖެހޭކަމަށެވެ. ގްރީން މެޗްގައިވެސް މުނޯޒްގެ މޮޅު ކުޅުން ފެނިގެންދާނެކަމަށް އުއްމީދު ކުރާކަމަށްވެސް ސުޕަރ ޔުނައިޓަޑްގެ ކޯޗް އަހުމަދު ނާޝިދު ބުންޏެވެ.

"ގްރީންއަކީ މިސީޒަންގައި ކުޅޭ އެންމެ ވަރުގަދަ އެއް ޓީމް. އަދި މެޗްތަކުން ބަލިވިކަމަށް ވީނަމަވެސް ގްރީން ސްޓްރީޓްސްއަކީ މި ލީގްގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމް. އަދި އެޓީމްގެ ކުޅުންތެރިންނަށް ބަލާއިރުވެސް އެކަން ވަރަށް ރަގަނޅަށް އެގިގެންދޭ. އެހެންވީމަ ސަސްއިން ގްރީންއާއި ދެކޮޅަށް މިނިކުންނާނީ އެކަން ވަރަށް ރަގަނޅަށް އެގިގެން. ސަސްއިން މެޗުން ބަލިނުވެ، ސަލާމަތް ވުން އެންމެ ފުރަތަމަ އަމާޒަކީ. ސަސްއަށް އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލައަކީ ޓީމްގެ މެދުތެރެއަށް ކުޅޭނެ ރަގަނޅު ކުޅުންތެރިއަކު ޓީމްގައި ނެތުން. މިހަރު ތިބި ކުޅުންތެރިންނަށް އެންމެ ރަގަނޅު ކުޅުން ނުދެއްކޭ. އެހެންވީމަ ޓްރާންސްފަރ ހުޅުވުނީމަ، މެދު ތެރެއަށް ކުޅޭނެ ބިދޭސީ ކުޅުންތެރިއެއް ހޯދުމުގެ މަސައްކަތް ކުރާނަން. އޭރުން އަދި ޓީމްގެ ކުޅުން އިތުރަށް ރަގަނޅުވެގެންދާނެ." ސަސްގެ ކޯޗް ނާދު ބުންޏެވެ. 

ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުނީ ބޮޑު ބްރޭކަކަށްފަހު ކުޅެން ފެށުމުން ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިމާވާކަމަށާއި މިއީ ހަމައެކަނި ގްރީންއަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށެވެ. ޕްރިމިއަރ ލީގްގައި ވާދަކުރާ ހުރިހާ ޓީމަކަށްވެސް އަނިޔާގެ މައްސަލަތަކާއި ކުރިލާންޖެހިފައިވާކަމަށް ނިޝްތާރު ފާހަގަކުރިއެވެ. އަދި އަނިޔާއާއި ގުޅިގެން ގްރީންގެ ޖައިލަމަށް މިމެޗްގައި ނުކުޅެވޭނެކަމަށްވެސް ނިސްތާރު ބުންޏެވެ. ސަސްއާއި ދެކޮޅަށް ނިކުންނައިރު ސަސްގެ ފަހަތް ބަލަހައްޓަމުންދާ ތަޖްރިބާކާރު ދެ ޑިފެންޓަރުންކަމުގައިވާ ޝާފީ އާއި ބެންޖޯއަށްވެސް ގްރީންއިން ވަރަށް ބޮޑަށް ސަމާލުވާނެކަމަށާއި އެދެ ކުޅުންތެރިން ފޫއަޅުވާލުމަކީ އެހާ ފެސޭހަކަމެއް ނޫންކަމަށްވެސް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުންޏެވެ.

"ސަސްއަކީ މިސީޒަންގައި މިހާތަނަށް މެޗްއަކުން ބަލިނުވެ އޮތް ޓީމެއް. ކުލަބް އީގަލްސް މެޗުންވެސް އެޓީމްވަނީ ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެފަ. މެޗުތަކުން ސަސް މިހާތަނަށް ދައްކާވެފައިވާ ކުޅުމަށް ބަލާފަ، އެޓީމުގެ ވަރުގަދަކަން ފެނިގެންދޭ. އެހެން ވީމަ މިމެޗަށްވެސް ނިކުންނަން ޖެހޭނީ ވަރަށް ވިސްނައިގެން. އަދި މިސީޒަނަށް ބަލާއިރު، އެއްވެސް ޓީމަކީ ބަލި ޓީމެކޭ ބުނެވޭކަށް ނެތް، ބަލި ޓީމެކަމަށް ބަލައިގެން މެޗަށް ނިކުތުމުގެ ފުރުސަތެއްވެސް ނެތް. މިހާތަނަށް ލީގުގައި ވަރަށް ހައިރާން ކުރުވަނިވި ނަތީޖާތަކެއްވެސް ފެނިފައިވޭ." ގްރީންގެ ކޯޗް ނިޝްތާރު ބުންޏެވެ.