ޚަބަރު

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އެންޑޯސްކޯޕީގެ ޙިދުމަތް ފަށައިފި


އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އެންޑޮސްކޯޕީގެ ޙިދުމަތް ދޭން ފަށައިފިއެވެ. މިއީ ރާއްޖޭގައި މާލޭ ސަރަހައްދުން ބޭރުގައި އެންޑޮސްކޯޕީގެ ޙިދުމަތްދޭ ފުރަތަމަ ފަހަރެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އެންޑޮސްކޯޕީގެ ޙިދުމަތް ރަސްމީކޮށް ފަށާފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ އެހީތެރިކަމާއި އެކުގައެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، މިޙިދުމަތް ހޮސްޕިޓަލުގައި ދޭން ފެށުމާއި އެކު ދުވާލެއްގެ މައްޗަށް މަދުވެގެން 6 އެންޑޯސްކޯޕީ ހެދޭނެ ކަމަށެވެ. އަދި މިއީ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ޙިދުމަތެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

މި ޙިދުމަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު ވިދާޅުވީ، މިއީ އެ ހޮސްޕިޓަލުން ދޭ ޙިދުމަތްތައް ފުޅާކޮށް އާ ޚިދުމަތްތަކެއް ދިނުމަށް ފަށާފައިވާ މަސައްކަތުގެ އާ ފެށުމެއް ކަމަށެވެ.

"މި ޓެސްޓަކީ އަޅުގަނޑުމެން ކުރިއަށްއޮތްތަނުގައި ދޭނެ ޙިދުމަތްތަކުގެ އާ ފެށުމެކޭ އަޅުގަނޑު ދަންނަވާނީ. މިއައްވުރެ އިތުރު ޓެސްޓުތަކާއި އިތުރު ކަންކަންވެސް އިތުރުވެގެން ދާނެ. އޭގެ އިތުރުން ކުރީގައި ނުކުރެވޭ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުން މިދަނީ. އިރާދަ ކުރެއްވިޔާ މިފަދަ ގިނަ ކަންކަން ތަޢާރަފު ކުރެވި މީހުން އެދޭ ބަދަލު މިތަނުން ފެނިގެން ދާނެ. " ޑރ. ސޯލިހު ވިދާޅުވިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ތަފާތު ޙިދުމަތްތައް ފަށަން މަސައްކަތް ކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައި އިތުރު ޙިދުމަތްތައް ފެށުމަށް ރޭވިފައިވާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން މިހާރުވެސް، ޙިދުމަތްތަަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމު ކުރެވިފައިވާ ކަން އެ ހޮސްޕިޓަލުން ފާހަގަ ކުރައްވައެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ޙިދުމަތް ހޯދުމުގައި ދިމާވާ ދަތިތައް މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކުރައްވާފައެވެ.