ވިޔަފާރި

މިފްކޯ އާއި އެމްއެސްއެސް ގުޅިގެން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރަނީ


ޤައުމީ ޝިޕިންގް ކުންފުނި، އެމްއެސްއެސް އާއި މިފްކޯ ގުޅިގެން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ، މިމަހުގެ ފަހުކޮޅު 30 ރީފާ (ރެފްރިޖެރޭޓެޑް) ކޮންޓެއިނަރ ރާއްޖެ އަންނާނެ ކަމަށެވެ. އަދި މީގެ ތެރެއިން 12 ނުވަތަ 15 ކޮންޓެއިނަރ އަބަދުވެސް ފެލިވަރުގައި ބަހައްޓާނެކަމަށެވެ.

އިސްމާއިލް ވިދާޅުވީ، މިގޮތަށް އޮޕަރޭޝަން ފެށުމާއިއެކު އުތުރުގެ މަސްވެރިކަން ރަނގަޅުވެގެންދާ ދަނޑިވަޅުގައި ފެލިވަރުގައި ހުރި ދަތިތަކަށް ލުޔެއް ލިބޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ފެލިވަރުގައި ބެެހެއްޓޭ ކޮންޓެއިނަރުތަކުގައި މަސް ފިނިކޮށް ރައްކާ ކުރެވޭނެ އިންތިޒާމު ހަމަޖެހުމުން މިއީ ފެލިވަރުގައި އޮޕަރޭޝަން އަދި މަސްވެރިންނަށް ވެސް ލިބޭ ލުޔެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން މައުލޫމާތު ދިންގޮތުގައި، މިއިން ކޮންމެ ކޮންޓެއިނަރެއްގައި 25 ޓަނުގެ މަސް ރައްކާ ކުރެވޭނެއެވެ. އަދި ފެލިވަރު ބަނދަރުގައި އޮތް ބޯޓުން ފިނި ކުރުމަށްފަހު، ކޮންޓެއިނަރުގައި ރައްކާ ކުރެވިގެންދާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނި ގޮތުގައި، މީގެ ކުރީން މިފްކޯއިން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު ދިގު ދަތުރެއް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިގޮތަށް އޮޕަރޭޝަން ކުރިއަށް ގެންދެވެން ފެށުމާއި، ޙަރަދު ކުޑަ ކުރެވި މި ޕްރޮސެސް އަވަސް ކުރެވޭނެ ކަމަށް މިފްކޯއިން ދެކެއެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން މާކެޓު ކުރާނީ ރަނގަޅު އަގު ލިބޭ ތަންތަނަށް ކަމަށް މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅުވެގެން އައިއިރު، މަސްވެރިންްނަށް މަސް ކިރުވުމުގައި ދަތިތަކެއް ދިމާވެގެން ދިޔައެވެ. މިކަން ހައްލު ކުރުމަށް ސަރުކާރާއި މިފްކޯއިން ފިޔަވަޅުތަކެއް އަޅަން ފަށާފާއިވާއިރު، ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރުންވެސް މަޑު ޖެހިގެން ދިޔައެވެ. އެހެން ކަމުން، މި އޮޕަރޭޝަންތައް ފެށުމާއެކު މަސްގަތުމާއި ރައްކާ ކުރުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.