ވިޔަފާރި

ޑިސެމްބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން ޕޮޒިޓިވްވި މިންވަރު ނިސްބަތުން %0.07ގައި


މިދިޔަ އަހަރު ޖުލައި މަހަށްފަހު ފަތުރުވެރިން ޕޮޒިޓިވްވާ މިންވަރު އެންމެ ދަށްވެގެން ދިޔައީ ޑިސެމްބަރުމަހުކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް 93823 ފަތުރުވެރިން އައިއިރު، މީގެ ތެރެއިން ނިސްބަތުން ޕޮޒިޓިވް ވެފައިވަނީ %0.07 ފަތުރުވެރިންނެވެ. މިއީ ބޯޑަރު އަލުން ހުޅުވާލިފަހުން ޖުލައި މަހަށްފަހު މިއަދަދު އެންމެ ދަށްވެފައިވާ މަހެވެ. ޖުލައިމަހު ބޯޑަރު އަލުން ހުޅުވުމާއިއެކު ރާއްޖެ އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ. މީގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ %0.06 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ތަފާސް ހިސާބުތަކަށް ބަލާއިރު، ނިސްބަތުން އެންމެ ގިނަ ފަތުރުވެރިން ޕޮޒިޓިވްވީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ސެޕްޓެމްބަރުމަހު ރާއްޖެ އައި 9538 ފަތުރުވެރިންގެ ތެރެއިން ކޯވިޑް-19އަށް %0.36 ފަތުރުވެރިން ވަނީ ޕޮޒިޓިވް ވެފައެވެ.

މިއަަހަރުގެ ފުރަތަމަ ހަ ދުވަހު ރާއްޖެ 18،086 ފަަތުރުވެރިން ވަނީ އައިސްފައެވެ. މީގެ ތެރެއިން ނިސްބަތުން، %0.27 މީހުން ޕޮޒިޓިވް ވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ރާއްޖެ އަންނަ ފަތުރުވެރިން ތެރެއިން ޕޮޒިޓިވްވާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މިިދިޔަ އަހަރުގެ ޑިސެމްބަރުމަހު ފަތުރުވެރިން ރާއްޖެއައި ނިސްބަތުން ޕޮޒިޓިވްވާ މިންވަރު ދަށްވި ނަމަވެސް، ރިސޯޓުތަކުގައި މެދުގައި ޕޮޒިޓިވް ކޭސް ފެންނަ މިންވަރު އިތުރުވެފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ބުނެފައެވެ. އެގޮތުން މިއީ ރާއްޖެ އަންނަ ފަތުރުވެރިންގެ މިންވަރު އިތުރުވެގެން ދާއިރު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އަންދާޒާ ކުރެވިފައިވާ ބަދަލެއް ކަމަށް
އެޗްއީއޯސީން ވަނީ ފާހަގަކޮށްފައެވެ. އަދި ގިނައިން ޕޮޒިޓިވްވާ މީހުންނަކީ ރައްޖެ އަންނަ އިރު ޕޮޒިޓިވްވެފަވާ މީހުންކަން އެޗްއީއޯސީން ފާހަގަކުރައްވައެވެ.