މިދިޔަ އަހަރު ނިމުނުއިރު، ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ކުރި ޚަރަދުތަކަށް 2.9 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ޢާންމުކުރާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާގޮތުން މިދިޔަމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑުގެ ހާލަތުން އަރައިގަތުމަށް ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ވަނީ 1.4 ބިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 868 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 273 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ކޯވިޑް-19 އަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޙަރަދެއް ހިންގާފައިވާ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 561.6 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ.
ވެންޓިލޭޓަރުތައް ހޯދުމަށާއި، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެކަމަށް ވަނީ 200.3 މިލިއަން ރުފިޔާ ޚަރަދުށްފައެވެ.
ކޯވިޑް-19ގެ ޙަރަދުތަކުގެ ތެރޭގައި ދެން ހިމެނެނީ އިކޮނޮމިކް ރެސްޕޮންސް ސެޕެންޑިންގު ބައެވެ. މި ދާއިރާއިން މިހާތަނަށްވަނީ 1.5 ބިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ.
އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގަކީ ކޯވިޑް19އާ ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ސްކީމެކެވެ. މީގެދަށުން ކޯވިޑް ރިކަވަރީ ލޯން ސްކީމްގެ ދަށުން މިހާތަނަށް ވަނީ 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 221.1 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާއިރު، ކަރަންޓު ބިލްތަކަށް ޑިސްކައުންޓުގެ ގޮތުގައި 117.1 މިލިއަން ރުފިޔާ ވަނީ ޙަރަދުކޮށްފައެވެ.