ކުޅިވަރު

ޔޫވީ ބަލިކޮށް 3 ޕޮއިންޓް ލިބުމަކީ ލިބުނު ހިއްވަރެއް - މޯހަން


ޔުވީ ބަލިކޮށް 3 ޕޮއިންޓް ލިބުމަކީ ލީގުގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއްކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. ޔުނައިޓަޑް ވިކްޓްރީއާއި ކުލަބް އީގަލްސް ވާދަކުރި މެޗު ކުލަބް އީގަލްސް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ. މެޗުގައި ކުލަބް އީގަލްސްއިން 3 ލަނޑު ޖަހާފައިވަނިކޮށް ޔޫވީއިން ވަނީ ފަހަތުން އަރާ 2 ލަނޑު ޖަހާފައެވެ. ކުލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ބުނީ ކުޅުންތެރިންގެ ސަމާލުކަން ގެއްލިގެންދިޔަ ވަގުތު ޔޫވީއިން ގާތް ގާތުގައި 2 ލަނޑު ޖެހުމުން، ކުރިއަށް ހުރި މެޗުތަކުގައި މިފަދަ ކަންތައްތައް ރަގަނޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ކުޅުންތެރިންނަށް އަނިޔާނުވެ، ވީހާވެސް ފިޓްކޮށް ބޭތިއްބުމަށް މަސައްކަތް ކުރާނެކަމަށްވެސް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް ބުންޏެވެ.

"ހޫނުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީމަ، އިތުރު ވަގުތު ނަގާނެ. ވަރުބަލިވެސްވާނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ހާލަތު ހުރި ގޮތުން ފުލް ޕިޗް ލިބެނީ ހެދުނު 6ކުން ހަވީރު 4ރަކާއި ދޭތެރޭގައިކަމަށް ވުމުން، ފުލް ޕިޗް ބޭނުންކޮށްގެން ކުރާ ފަރިތަކުރުންތައް ކުރަންޖެހޭނީ އެ ގަޑީގައި. މިކަން ކުރިނަމަވެސް ވަރަށް ވިސްނަން ކުޅުންތެރިންގެ ރިކަވަރީއަށާއި މާވަރުގަދަ ފަރިތަކުރުންތަކެއް ކުރިއަށް ނުގެންގޮސް، ޓެކްޓިކަލް ޓްރެއިނިންއެއް އެ ގަޑީގައި ބޮޑަށް ކުރަން ވިސްނަނީ. އެހެންނަމަވެސް އެހޫނުގެ ސަބަބުން ކުޅުންތެރިނޔާގެ ގައިން އެނާޖީތަކެއް ދަމާލާނެ. ކުޅުންތެރިންވެސް ޖެހޭނީ އިތުރަށް ޕްރޮފެޝަނަލްވާން. އެއީ ރަގަނޅު ކެއުން ކެއުމާއި ރަގަނޅަށް ފެން ބޭނުން ކުރުން މީގެ ތެރޭގައި ހިމެނޭ. ކުލަބް އީގަލްސްގެ މުހައްމަދު ޝިޔާޒް ބުންޏެވެ.

ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމްބުނީ މެޗުން ބަލިވީ ނަސީބުވެސް އެހީ ނުވުމުގެ ސަބަބުންކަމަށާއި މެޗަށް އައިއިރުވެސް އަނިޔާގެ މައްސަލަތައް ޓީމަށް ދިމާވެފައިވާކަމަށެވެ. ޔޫވީއިން 3 ބަދަލް ކުރިފަހުން ފަހަތަށް ކުޅޭ ކުޅުންތެރިއަކަށް އަނިޔާވެ، ކުޅުންތެރިއަކު އެރުވުމުގެ ފުރުސަތުވެސް ނެތް ހާލަތަށް ދިޔަކަމަށް މުހައްމަދު އާދަމް ބުންޏެވެ. މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިންހަމަޖެހޭކަމަށާއި މެޗުން ބަލިވީ އަނިޔާގެ މައްސަލަތަކާއި ހެދިކަމަށް ކޯޗް ފާހަގަކުރިއެވެ. އަދި 3-3ކުން މެޗް އެއްވަރުކޮށްލަންވެސް ފުރުސަތު ލިބުނުކަމަށް މުހައްމަދު އާދަމް ބުންޏެވެ. މިހާރު ޔޫވީއަށް ދިމާވެފައިވާ މައްސަލައަކީ އަނިޔާގެ މައްސަލަތައް ގިނަވުންކަމަށްވެސް ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ.

"މިހާރު ވެގެންމިއުޅޭގޮތަކީ ރިކަވަރނުވާވަރުގެ އަނިޔާތަށް ގިނަވެގެން މިއުޅެނީ. ޔޫވީގެ ޓީމަށް ބަލާއިރު ބެންޗުގައި ތިބީ ވަރަށް އާ ކުޅުންތެރިން. އީގަލްސް މެޗުގައި އަހަރުން އެތަނުން އެއް ކުޅުންތެރިއަކު ޓެސްޓުވެސް ކުރިން. އަނިޔާގެ މައްސަލަތަކާއެކުވެސް ކުރިއަށްދާންޖެހޭނީ. އަނިޔާގެ މައްސަލައޭ ކިޔައިގެން ތިބެވޭކަށް ނެތް. މީގެ މައްސަލައަކީ ވެގެން އުޅޭ އަނިޔާގެތަށް ގިނަވުން. އާންމު ހާލަތުގައި އަނިޔާގެ މައްސަލަ ދިމާވާވަރަށް ވުރެއް ގިނައިން މިހާރު ކުޅުންތެރިންނަށް އަނިޔާ މިވަނީ." ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ.