ޚަބަރު

މޮނީޓަރިންގައިވާ ރަށްރަށުން އައްޑުއަށް ދަތުރުކުރި މީހުން ހޯދަން ފަށައިފި


މާލެ ސަރަހައްދު ފިޔަވައި މޮނިޓަރިން ޙާލަތަށް ލާފައިވާ ރައްތަކުން، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޑޫ ސިޓީއަށް ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 1 ޖެނުއަރީން ފެށިގެން މިއިން އެއްވެސް ރަށަކުން އައްޑުއަށް ކަނޑުމަގުން ނުވަތަ ވައިގެ މަގުން ދަތުރު ކޮށްފައިވާ ނަމަ، އެކަން އައްޑޫގެ އަވައްތަކުގައި ޤާއިމުކޮށްފައިވާ ސޯޝަލް ސަޕޯޓު ޑެސްކުތަކަށް އަންގައި ދިނުމަށެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތް ފެށުމާއެކު، ހުވަދު އަތޮޅުގެ ގިނަ ރަށްރަށުން އެހޮސްޕިޓަލުގެ ޚިދުމަތް ހޯދަން ދެއެވެ. އަމިއްލަ ފަރާތެއް ކަމަށްވާ ރިލެކްސް ފެރީން ހުވަދޫ އަތޮޅާއި އައްޑުއައި ފުވައްމުލަކު ސިޓީއަށް ކޮންމެ ހަފްތާ އަކުވެސް ޝެޑިއުލް ދަތުރުތަށް ކުރެއެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މޮނިޓަރިންގެ ޙާލަތަށް ލެވުނު ރަށްތަކުން ސީދާ ކަނޑުމަގުން، އައްޑުއަށް މީހުންއައިކަމަށް ފާހަގަވެފައި ނެތް ކަމަށެވެ.

ނަމަވެސް ހުވަދުއަތޮޅުގެ އިތުރު ރައްތަކުން ކޯވިޑް-19ގެ ކޭސްތައް ފެންނަމުން ދިއުމާއެކު އައްޑުއާއި ހުވަދު އަތޮޅާދެމެދު ދަތުރުކުރާ ރިލެކްސް ފެރީން އައްޑުއަށްދާ މީހުން މޮނިޓަރކޮށް މައުލޫމާތު ސާފު ކުރަމުންދާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.