ޚަބަރު

އީގަލްސްއަށް މިހާރު ކޮންމެ މެޗަކީވެސް ފައިނަލް މެޗެއް - މޯހަން


ކުލަބް އީގަލްސްއަށް މިހާރު ކޮންމެ މެޗަކީވެސް ފައިނަލް މެޗެއްކަމަށް އެޓީމުގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗަށްފަހު، ލީގްގައި ކުލަބް އީގަލްސްއަށް މިނާތަނަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ކުލަބް އީގަލްސް އާއި ކުލަބް ގްރީން ސްޓްރީޓްސް ވާދަކުރާއިރު ތާވަލްގެ 6ގައި ގްރީން އޮތީ 5 ޕޮއިންޓް ހޯދައިގެންނެވެ. ކުލަބް އީގަލްސް ތާވަލްގެ 7ވަނާގައި އޮތީ 4 ޕޮއިންޓްއާއެކުއެވެ. ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)ބުނީ މިވަގުތު ޓީމުއޮތީ ވަރަށް ބޮޑު ޕްރެޝަރެއްގައިކަމަށާއި ލީގްގައި ރަގަނޅު ކުޅުމެއްދައްކަން ކުޅުންތެރިން މިހާރު ތިބީ ކެތްމަދުވެފައި ކަމަށެވެ. ލީގުގައި ބާކީ ހުރި މެޗުތަކުގެ ތެެރެެއިން ގިނަ މެޗުތަކަކުން ޖެހި ޖެހިގެން މަޗުތަކުން މޮޅުވެގެން ނުނީ މިޕްރެޝަރ ނުކެނޑޭނެ ކަމަށްވެސް ޝިޔާޒް ބުންޏެވެ. ލީގްގެ އެއްވަނާ އާއި ދެވަނަ ޓީމް ފިޔަވާ އެހެންހުރިހާ ޓީމްތަކެއް ޕޮއިންޓުގެ ގޮތުން ކައިރި ކައިރީގައި އޮތުމަކީވެސް ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށާއި މެޗަކުން މޮޅެވެގެން ލީގްގެ ތިންވަނައަށް އެރެން އޮތުމަކީވެސް މިވަގުތަށް ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށް ކުލަބް އީގަލްްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.

ގްރީން މެޗަށް ތައްޔާރުވުމަށް ކުރެވުނު ފަރިތަކުރުންތަކާއި މެދު ހިންހަމަޖެހޭކަމަށާއި އެންމެ ފަހުން ޔުނައިޓަޑް ވިކްޓްރީ މެޗުން ލިބުނު 3 ޕޮއިންޓާއެކު ކުޅުންތެރިންނަށް ލީގުގައި ކުރިއަށް ދިއުމަށް އިތުރު ހިއްވަރެއް ލިބިފައިވާކަމަށެވެ. ގްރީން ސްޓްރީޓްސް އާއި ވާދަކުރާއިރު އީގަލްސްގެ ބައެއް ކުޅުންތެރިންނަށް އަނިޔާވެ، ގްރީން މެޗުގައި ނުކުޅެވިދާނެކަމުގެ ބިރު އެބައޮތްކަމަށްވެސް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް މޯހަން ބުންޏެވެ. އެންމެފަހުން ގްރީން ސްޓްރީޓްސް އެޓީމް ކުޅުނު މެޗްވެސް ކާމިޔާބުކޮށްފައިވުމުން، މިމެޗް ފަސޭހަނުވާނެކަމަށްވެސް މޯހަން ބުންޏެވެ. ލީގް ތާވަލްގައި ގްރީން އާއި ޖެހިގެން ކުލަބް އީގަލްސް އޮތްނަމަވެސް ގްރީން ސްޓްރީޓްސްއަކީ ވަރަށް ވަރުގަދަ ސްކޮޑެއް އޮތް ޓީމެއްކަމަށްވެސް މޯހަން ބުނެފިއެވެ.

"ގްރީންއަކީ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް، ނަތީޖާތައް އަދި ރަގަނޅަށް ނުދިޔަކަމަށް ވީނަމަވެސް. ވަރަށް ވިސްނަންޖެހޭ އަދި ވަރަށް ހުނަރުވެރި، ހަލުވި ފޯވާޑްލައިނެއް އޮތް ޓީމެއް ގްރީންއަކީ. އެހުރިހާކަމަކަށް ވިސްނައިގެން ކުލަބް އީގަލްސްއިން މިމެޗަށް ތައްޔާރުވާނީ. ގްރީންގެ ފޯވާޑްލައިން ހުއްޓުވަން ކުރަންޖެެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. މިދިޔަ ދުވަސްތަކުގައި އެކަމަށް ފަރިތަކުރުންތަކުގައިވެސް މަސައްކަތްކޮށްފައި މިތިބީ. އުއްމީދު ކުރަނީ ކުޅުންތެެރިން ދަނޑުމަތީގައިވެސް އެކަން އެގޮތަށް ކުރާނެކަމަށް." އީގަލްސްގެ ކޯޗް މޯހަން ބުންޏެވެ.

މެޗްގެ ކުރިން ވާހަކަދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރުބުނީ ލީގްގައި މިހާތަނަށް އެންމެ ފަހުން ކުޅުނު 3 މެޗްވެސް ކާމިޔާބުކޮށްފައިވުމުން، ކުރިއަށް ހުރި މެޗްތައްވެސް ކާމިޔާބުކުރުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އީގަލްސް ބަލިކޮށް ތާވަލްގައި ކުރިއަށް ޖެހިލުމަކީވެސް ވަރަށް ބޮޑު އަމާޒެއްކަމަށް ނިޝްތާރު ބުންޏެވެ. ގްރީންއިން އެއްވެސް މެޗަކަށް ޕޮއިންޓެއް ހޯދަން ނުނިކުންނާނެކަމަށާއި ގްރީންއިން ކޮންމެ މެޗަކަށްވެސް ނިކުންނާނީ ތިން ޕޮއިންޓަށެވެ.

"މެޗަށް ނިކުންނައިރު ދެ ޓީމްވެސް އޮތީ އެއް ހާލަތެއްގަ. އީގަލްސްގެވެސް ބޭރު ކުޅުންތެރިން އެޓީމާއި ގުޅުނުފަހުން އެޓީމު ވަރަށް ރަގަނޅު. މިދެ ޓީމަކީވެސް ޒުވާން ކުޅުންތެރިންގެ މައްޗަށް ވަރަށް ބޮޑަށް ބިނާވެފައި އޮތް ދެ ޓީމް. އެހެންވީމަ ބިދޭސީ ކުޅުންތެރިންނަކީ މިދެ ޓީމަށްވެސް ވަރަށް މުހިންމު ބައެއް. ގްރީންވެސް ބިދޭސީ ކީޕަރުއައި ފަހުން މުޅިން އެހެން ގްރީންއެއް މިހާރު މިފެންނަނީ. ހަމަ އީގަލްސްއަށް ވެސް ވަނީ މިހެން. އެހެންވީމަ މާބޮޑު އެއްޗެއް ބުނާކަށްވެސް ނޭނގެ މި މެޗާއި ބެހޭގޮތުން. އީގަލްސްއަށް އިތުުރު ބިދޭސީ ކުޅުންތެރިއެއްވެސް ގުޅިފައިވާކަމަށް ހަބަރުވެސް ލިބިފައިވޭ. އެހެންވީމަ މިމެޗަށް ވަރަށް ވަރުގަދަ އަދި ވާދަވެރިވާނެކަމަށް މިބަލަނީ." ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުންޏެވެ.