މިދިޔަ އަހަރު 2510 ފަރާތަކަށް ލޯނު އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ހާމަކޮށްފިއެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަކީ އަދުގެ ސަރުކާރުގެ ވަޢުދެއްކަމުގައިވާ ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމުކޮށްފައިވާ ކުންފުންޏެކެވެ.
އެސްޑީއެފްސީން ބުނީ، މިދިޔަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ލޮކްޑައުންއަށްފަހު، 420 މިލިއަން ރުފިޔާ، 320 ފަރާތަކަށް ދޫކުރެވިފައިވާކަމަށް އެސްޑީއެފްސީން ބުނެއެވެ.
މިއީ ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕެކޭޖުގެ ދަށުން ދޫކުރެވިފައިވާ ލޯނު ތަކެއްކަމަށް އެކުންފުނިން ބުނެއެވެ. އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝަލް ވިޔަފާރިތަކަށެވެ.
ކޯވިޑް-19 އިގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް، ގިނަ 2205 ފަރާތަކަށް، 381 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން ހާމަކުރެއެވެ. އެސްޑީއެފްސީން ބުނީ މިލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވެދީފައިވާކަމަށެވެ. މިއަދާއި ހަމައަށް މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީއިން ވަނީ ލޯނު ދޫކޮށްފައެވެ.
މީގެ އިތުރުން ސަރުކާރުގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭނާއި އެއްގޮތަށް ދޫކޮށްފައިވާ ލޯނު ތަކުގެ ތެރެއިން 33 އިންސައްތަ ލޯނަކީ، އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތަކެއް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއާއެކު އެކުންފުނިން މިދިޔަ އަހަރު ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ޖުމްލަ 801 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.