ގދ.ފަޅުރަށެއްކަމަށްވާ ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތެކޓިގެ މައްސަލާގައި ބައެއް ކަންކަން ސާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގދ. ގައްދޫ ކޯޓުގައި ދައުވާ އުފުލީ އެމައްސަލައިގައި ހައްޔަރުކުރި 5 މީހެއްގެ މައްޗަށެވެ. މީގެތެރެއިން 4 މީހެއްގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަނެއް މީހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.
އެހެންނަމަވެސް މި މައްސަލަ ހުށައެޅުމުގައި ބައެއް އިޖްރާތުތައް ފުލުހުންނާއި ޕީޖީ އޮފީހުން ފުރިހަމަކޮށްފައި ނުވާކަމަށް ކަނޑައަޅާ ގައްދޫ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. އެގޮތުން އެ ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ ދައުވާކުރަން ޤާނޫނުގައި ބުނާ މުއްދަތަށްފަހުގައިކަމަށެވެ. އަދި މައްސަލާގައި ހެކި ހޯދާފައިވަނީ ޤާނޫނާއި ހިލާފަށްކަމަށްވެސް ގައްދޫ ކޯޓްގެ ނިންމުމުގައިވެއެވެ.
ދަށު ކޯޓުގެ އެ ނިންމުން އިސްތިއުނާފު ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.
މި މައްސަލައަކީ ޕީޖީގެ މަގާމުގައި އައިޝަތު ބިޝާމް ހުންނެވިއިރު ދައުވާ ކުރި މައްސަލައެކެވެ. އޭރު މި މައްސަލަ ފުރަތަމަ ހުށައެޅީ ކްރިމިނަލްކޯޓަށެވެ. ނަމަވެސް އެ މައްސަލަ ހުށައަޅަންޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށްކަމަށް ބުނެ ކްރިމިނަލްކޯޓުންވެސް ވަނީ އެ މައްސަލަ ނުބަލަން ނިންމާފައެވެ.
ކޯޓުން މައްސަލަ ބޭރުކޮށްލުން ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. އެގޮތުން އެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމެޓީންވަނީ މި މައްސަލައާއި ގުޅޭ ކަންކަން ސާފުކުރުމަށް ޕީޖީ ޝަމީމް ކޯޓަށް ހާޒިރުކުރަން ނިންމާފައެވެ. އަދި މިގޮތަށް ކޮމެޓީން ނިންމާފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ އުފުލާފައިވަނީ ގދ.ގައްދޫ އެދުރުގެ އުމުރުން 25 އަހަރުގެ ޔާމިހް ޚާލިދާއި ހަމަ އެގޭ އުމުރުން 42 އަހަރުގެ އަހްމަދު ހަލީމާއި ގއ.ކޮނޑޭ ރޮމޭންސް އުމުރުން 35 އަހަރުގެ ޝަފީޒު މުހައްމަދާއި ގއ.ނިލަންދޫ އުމުރުން 35 އަހަރުގެ އަލީ ޝާކިރާއި ގއ.ކޮނޑޭ ގަހާކޯޅި އުމުރުން 34 އަހަރުގެ އަހްމަދު އަނިލްގެ މައްޗަށެވެ. ކޯޓުން މި މައްސަލަ ބޭރުކޮށްލުމުން މި އެންމެންވެސް ވަނީ މިނިވަންވެފައެވެ.
ފަޅު ރަށުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި ކެނެބިސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.