އައްޑޫގައި ފަތުރުވެރިންނަށް ހާއްސަ ޓުއަރިސްޓު ބީޗެއް ހެދުމަށް މަޝްވަރާކޮށްފިއެވެ.
ފޭދޫގައި އައްޑޫ ޑައިވް ނަމުގައި ހިންގަމުންދާ ޑައިވް ސެންޓަރާއި، އައްޑޫސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި، އައްޑޫ އަށް ފަތުރުވެރިން އަންނަ ނިސްބަތް އިތުރުވެފައިވާކަމަށް އައްޑޫ ޑައިވްއިން ވަނީ ފާޙަގަކޮށްފައެވެ. އެގޮތުން މިހާރުވެސް ޙިދުމަތް ދެމުންދާ ސައުތު ޕާމު ރިސޯޓުގެ އިތުރުން ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކަން ފާހަގަކޮށްފައެވެ. އަދި މިގޮތަށް އަންނަ ގިނަ ފަތުވެރިންނަކީ ޑައިވްކުރުމަށް ޝައުޤުވެރިވާ ފަތުރުވެރިން ކަމަށް އެފަރާތުން ފާހަގަކުރެއެވެ.
މީގެއިތުރުން އައްޑޫގެ ޤުދުރަތީ މާޙައުލު ބަލާލުމަށް އަންނަ ފަތުރުވެރިންވެސް އިތުރުވެފައިވާކަން އެފަރާތުން ވަނީ ފާހަގަކޮށްފައެވެ. އެކަންކަމައެކީ އެސިޓީގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން ޓުއަރިސްޓު ބީޗެއް ހެދުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެފަރާތުން ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ ބީޗެއް ތަރައްޤީ ކުރާއިރު، ބީޗު ކައިރިން ބޭސިކް ޑައިވިންގ އަދި މޫދު ކުޅިވަރު ކުޅެވޭނެ ފެސިލިޓީއެއް ޤާއިމު ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
@AdduDive met with #AdduCityCouncil today to discuss on possible development of a tourist beach, a Manta trust and a marine research institute in #AdduCity. Addu Dive also expressed their interest in training emergency first responders in #AdduCity. pic.twitter.com/1h7jHy2KcP
— Addu City Council (@AdduCityCouncil) January 18, 2021
މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި އައްޑޫ ސިޓީގައި ފަރުތައް ރަޖިސްޓްރީކޮށް، މުރަކަތައް ދިރުވާ އާލާކުރެވޭނެފަދަ މެރިން ރިސާޗު އިންސްޓިޓިއުޓެއް ޤާއިމުކުރުމާއި، މަންތާ ޓްރަސްޓެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫގައި ފުރަތަމަ އެހީ ދިނުމަށް ހާއްސަ އިމަރޖެންސީ ރެސްޕޮންޑާސް ތަމްރީނު ކުރުމާއި، މިފަދަ ޕްރޮގްރާމްތައް ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިއުމާއި ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އައްޑޫގައި މިހާރު ޓުއަރިޒަމް ޒޯންތައް ކަނޑައަޅައި އެތަންތަނުގެ ލޭންޑްސްކޭޕިން މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އައްޑޫސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި، އައްޑޫގައި ތަރައްޤީކުރާ ޓުއަރިޒަމް ޒޯންތަކުގައި ފަތުރުވެރިންނަށް ބޭނުންވާ އެކި ފެސިލިޓީތައް ޤާއިމު ކުރެވޭނެއެވެ. އެގޮތުން ޑައިވް ސެންޓަރުތަކާއި، ސުވެނިއަރ ޝޮޕް ފަދަ އެހެނިހެން ޙިދުމަތްތައް އެސަރަހައްދުތަކުގައި ޤާއިމު ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.